ދެ އިންތިޚާބު އެއްކޮށްލުމުގެ ފައިދާ އާއި ގެއްލުން – ޑރ. ނިޒާމް

މިލައުތުރު | 28 މާރިޗު 2026 | ރިޕޯޓު

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެއްކޮށްލުމަށް ފެންނަ ނުފެންނަ ރައްޔިތުންގެ އާންމު ވޯޓަކަށް މިސްރާބު ޖަހާފައިވާ މި ދަނޑިވަޅުގައި މި ބަދަލާއިމެދު ފިކުރުކޮށްލުމަކީ ވަރަށް މުހިއްމު ކަމެއްކަމުގައި ދެކެވެ. މި ލިޔުމުގައި ވަކިކޮޅަކަށް ނުޖެހި ކަމުގެ ފައިދާތަކާއި ގެއްލުންތަކުގެ މައްޗަށް ފިކުރު ހިންގާލުމަށް ގަސްދުކުރަމެވެ.

ދެ އިންތިހާބު އެއްކޮށްލުމުގެ ފައިދާތައް:

  1. މާލީ ޒިންމާ: އެންމެ ސާފުކޮން ފެންނަ ފައިދާއަކީ ދައުލަތުން އިންތިހާބުތަކަށް ހުރާ ހަރަދު ކުޑަކުވުމެވެ. އިލެކްޝަންސް ކޮމިޝަނާއި ރައީސުލްޖުމްހޫރިއްޔާ ލަފާކުރައްވާފައިވާ ގޮތުގައި 80 މިލިއަނާއި 150 މިލިއަން ރުފިޔާ ދެމެދުގެ އަދަދަކަށް ސަލާމަތް ކުރެވޭނެވެ. މީގެ ތެރޭގައި ވޯޓު ފޮށި ލޮޖިސްޓިކްސް، ސެކިއުރިޓީ ޕާސަނަލް (ފުލުސް/އެމްއެންޑީއެފް) އަށް ކުރާ ހަރަދު ކުޑަކުވުމާއި، އެތައް ހާސް ވަގުތީ އިންތިޚާބީ އޮފިޝަލުންގެ އުޖޫރައާއި ތަމްރީނު ކުރުމުގެ ހަރަދު ފާހަގަ ކޮށްލެވެއެވެ. މީގެ އިތުރުން އިންތިހާބީ ދުވަސްވަރު މީހުންނަށާއި އިގްތިސާދީ ހަރަކާތްތަކަށް އަންނަ މަޑުޖެހުމުގެ އިގްތިސާދީ ގެއްލުން ކުޑަކެވޭނެއެވެ. ދެ އިންތިހާބު އެއްކޮށްލުމުން މި ދެންނެވި މަޑުޖެހުން އަންނާނީ އެއްފަހަރުއެވެ.
  2. ވޯޓުލާ މީހުންގެ އަދަދު އިތުރުވުން: ތާރީހީ ގޮތުން ބަލާއިރު ރާއްޖޭގެ ރިޔާސީ އިންތިހާބުގައި %80-90 ވޯޓްލާން ނުކުންނަ މީހުންގެ ނިސްބަތް އުޅޭއިރު، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ގިނަ ފަހަރަށް %10-12 ދަށްވެއެވެ. ދެ އިންތިހާބު އެއްކޮލުމުން ރައްޔިތުންގެ މަޖްލިސް އިންތިހާބުގައި ބައިވެރިވާ މީހުންގެ ނިސްބަތް ވެސް ދައްވުން ކުޑަކުރެވޭނެއެވެ.
  3. އިޖުތިމާއީ ގޮތުން ގެއްލުން ކުޑަވުން: އިންތިޚާބުތައް އެއްކޮށްލުމުގެ ސަބަބުން މުޖުތަމަޢަށް އަންނަ އިންތިހާބީ ރޯގާ ދެގުނަ ދަށްކުރެވޭނެއެވެ. އިންތިހާބީ ރޯގާއަކީ ޖުމްލަ ގޮތެއްގައި އޭގެ އަސަރު އެއްގޮތަންވުރެ ގިނަ ގޮތްގޮތުން މުޖުތަމަޢު ހުއްޓުވާލާ ރޯގާއެކެވެ. ބައެއްފަހަރު ސްކޫލްތައް ބަންދުވުމާއި ފަތުރުވެރިކަމާއި އެހެނިހެން އިގްތިސާދީ މަސަައްކަތްތަކަށް ބުރޫ އަރައެވެ. އިޖްތިމާއީ ގޮތުން އޮންނަ ދޭދޭ ގުޅުންތަކަށް ހީނަރުކަން އާދެއެވެ.
  4. ވެރިކަން ކުރިއަށް ގެންދިއުން: އާ ރައީސުން ގިނައިން ޝަކުވާ ކުރަނީ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އިދިކޮޅު މަޖިލީހެއް (ކުރިން ވެރިކަމުން ކޮންޓްރޯލް ކުރާ) މަޖިލީހެއް އޮތުމުން ވެރިކަން ހިންގުމަށް ދަތިވާ ޝަކުވާއެވެ. ދެ އިންތިހާބު އެއްކޮށްލުމުގެ ސަބަބުން އާ ސަރުކާރެއްގެ ދައުރު ފެށޭނީ އާ ބަޖެޓަކާއި އެކުއެކީ އިންތިހާބު ކުރެވޭ ރައްޔިތުންގެ މަޖްލީހަކާއި އެކުގައެވެ.

ދެ އިންތިހާބު އެއްކޮށްލުމުގެ ގެއްލުންތައް:

  1. ބާރު ޖަމާކުރުން: އިދިކޮޅު ފަރާތްތަކުން، މުހިންމު ގޮތެއްގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި މަދަނީ ބައެއް ފަރާތްތަކުން ބުނަނީ މި ފިޔަވަޅަކީ ނޭނގި ނަމަވެސް ޑިމޮކްރެޓިކް ފޭރާން ބަލިކަށިވެދާނެ ކަމެއް ކަމަށެވެ. ރިޔާސީ ކެންޑިޑޭޓެއްގެ މަގުބޫލުކަމުން ރައީސްކަމަށް ހޮވޭ ފަރާތުގެ ޕާޓީގެ މަޖިލިސް ކެންޑިޑޭޓުން މަގާމަށް އިންތިހާބުވުމުގެ ފުރުސަތު ވަރަށް ބޮޑެވެ. މިކަމުގެ ސަބަބުން ރިޔާސީ ނިޒާމެއްގައި ކޮންމެހެން ބޭނުންވާ މަޖްލީހުން ވާންޖެހޭ ފާރަވެރިވުމާއި ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ މުހިއްމު ދައުރަށް ހީނަރުކަން އައުމުގެ ފުރުސަތު ބޮޑުކަމަށް ދެކެއެވެ. އެއީ ވެރިކަންކުރާ ޕާޓީއެއްގެ “ސުޕަމެޖޯރިޓީ” އޮންނަ ރައްޔިތުންގެ މަޖްލީހެއްގެ ފުރުސަތު އިތުރުވެގެން ދާތީއެވެ.
  2. ސަރުކާރުގެ ހިންގުން މިނެކިރާލާ ބަސް އިއްވުމުގެ ފުރުސަތު ގެއްލުން: ވަކި އިންތިޚާބުތަކަކީ މިވަގުތު ރިޔާސީ ދައުރުގެ ތެރެއިން ރައީސުލް ޖުމްހޫރިއްޔާގެ މެނިފެސްޓޯ ހާސިލްކުރަމުން ދާގޮތް ވަޒަންކޮށް ރައްތިތުންގެ އަޑު އިއްވުމުގެ ފުރުސަތެކެވެ. ރައީސަކު ފުރަތަމަ 100 ދުވަހުގެ ތެރޭގައި މަގުބޫލު ނޫން ނިންމުންތަކެއް ނިންމަވައިފި ނަމަ، އޭގެ ހަ މަސް ފަހުން އިދިކޮޅު މަޖިލީހެއް އިންތިހާބުކޮށްގެން އާންމުންނަށް ރައްދު ދެވިދާނެ އެވެ.
  3. ވޯޓުލާ މީހުންނަށް އޮޅުން ބޮޅުން އެރުން: ވޯޓުލާ މީހުން ގައުމީ ސިޔާސަތު (ރިޔާސީ) އާއި ލޯކަލް ދާއިރާގެ މައްސަލަތައް (މަޖިލިސް) ތަފާތު ކުރަން ޖެހެ އެވެ. އެއް ދުވަސްތަކެއްގައި ރިޔާސީ ރޭހުގެ ކެމްޕެއިނާއި މަޖްލިސް އިންތިހާބުގެ ކެމްޕެއިން ކުރިއަށް ދިއުމުގެ ނަތީޖާއަކަށް ވާނީ ގައުމީ ސިޔާސަތުތަކާއި ދާއިރާގެ ސިޔާސަތުތައް މަސްހުނިވެ، ރައްޔިތުންނަށް ވޯޓްލުމުގައި ދާއިރާގެ މަސްލަހަތަކުގެ ބަދަލުގައި ގައުމީ މަސްލަހަތުތަކަށް އިސްކަން ދެވި، ދައުރެއްގެ ތެރޭގައި ދާއިރާގެ ރައްޔިތުންނަށް ބޭނުންވާ ސިޔާސަތުތަކެއް ގެނައުމުގެ ފުރުސަތު ކުޑަވެއެވެ.
  4. ކޮރަޕްޝަނަށް މަގުފަހިވުން: ހުރިހާ ކަމެއް އެއްދުވަހަކު ނިންމާއިރު، ކެންޑިޑޭޓުންނަށް ވޯޓު ގަތުމުގައި ނުވަތަ ދައުލަތުގެ ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ޕްރެޝަރު ބޮޑުވުމާއި އެކު ފުރުސަތުވެސް އިތުރުވެއެވެ. އިންތިޚާބީ މައްސަލަތައް މޮނިޓަރކޮށް ޕޮލިސް ކުރުމަކީ އިލެކްޝަންސް ކޮމިޝަނާއި އޮބްޒާވަރުންނަށް ދެގުނަ އުނދަގޫ ކަމަކަށް ވެގެންދެއެވެ.

މިހިސާބުން މިފަދަ ބަދަލުތައް ގެނެވުނު ބައެއް ގައުމުތަކުގެ ތަޖުރިބާގެ މައްޗަށް ބަލާލުން މުހިއްމެވެ.

އިންޑޮނޭޝިއާ

ރާއްޖޭގެ ހާލަތާއި އެންމެ ވައްތަރުވަނީ އިންޑޮނޭޝިއާގެ ތަޖުރިބާ ކަމަށް ފެނެއެވެ. 2014 ވަނަ އަހަރު އިންޑޮނޭޝިއާގެ ދުސްތޫރީ ކޯޓުން ވަކި އިންތިހާބުތަކެއް ބޭއްވުމަކީ ގާނޫނު އަސާސީއާ ހިލާފު ކަމެއް ކަމަށް ނިންމުމުން 2019 ވަނަ އަހަރު ފުރަތަމަ ފަހަރަށް އިންތިހާބުތައް އެއްކޮށްލެވި އެންމެ ފުރަތަ ފަހަރަށް ގައުމީ އިންތިހާބެއް ބޭއްވުނެވެ. ވޯޓުލާ މީހުން އެއްދުވަހަކު ރައީސާއި، ގައުމީ ގާނޫނު ހަދާ މަޖިލީހާއި، ސަރަހައްދީ މަންދޫބުން ހޮވަނީ ތަފާތު ފަސް ވޯޓު ކަރުދާސް ބޭނުންކޮށްގެންނެވެ.

2019 ވަނަ އަހަރުގެ އިންތިޚާބަކީ ތާރީހުގައި ވެސް އެންމެ ކޮމްޕްލެކްސް އެއް ދުވަހުގެ އިންތިހާބުގެ ނަން ދީފައިވާ އިންތިޚާބެވެ. އިދާރީ ބުރަ ބޮޑުކަމުން 500 އަށް ވުރެ ގިނަ އިންތިހާބުގެ މަސައްކަތްތެރިން ވަނީ ވަރުބަލިކަމާ ގުޅުން ހުރި ބަލިތަކުގެ ސަބަބުން މަރުވެފަ އެވެ.

ކާމިޔާބުކަމާއެކު ހަރަދުތައް ސަލާމަތްކުރެވުނެވެ. އިންތިހާބީ ރޯގާ ކުޑަކުރެވުނެވެ. ނަމަވެސް، ރިޔާސީ ކެނޑިޑޭޓުންގެ ވާދަވެރިކަމުގެ ސަބަބުން ގާތްގަނޑަކަށް މުޅިން ރިޔާސީ ރޭހަށް ފޯކަސް ބަދަލުވެ ގާނޫނު ހަދާ މަޖިލީހުގެ ގިނަ ކެންޑިޑޭޓުންނަށް ރިޔާސީ ކެނޑިޑޭޓުންގެ ހިޔަނީގައި ގެއްލި ފެނިލަން އުނދަގޫވިއެވެ.

ފިލިޕީންސް

ފިލިޕީންސްގައި ރައީސްއާއި ނައިބު ރައީސްގެ މަގާމާއި ކޮންގްރެސްގެ ދެ ގެއަށް ވެސް އެއްދުވަހެއްގައި އިންތިހާބުތައް ބާއްވަ އެވެ. ގައުމީ އަދި ލޯކަލް ކެންޑިޑޭޓުން އެއް “ޓިކެޓަކުން” ވަރަށް ވާދަވެރި އިންތިހާބީ މޫސޫމެއްގައެވެ. ރައީސް އިންތިޚާބު ކުރެވެނީ ގާނޫނު ހަދާ މަޖިލީހާ އެއް ދުވަހު ކަމަށްވާތީ، ރިޔާސީ ރޭހުގެ ހިޔަނި ރޭހަކަށް މަޖްލިސް ރޭސް ބަދަލުވެއެވެ. ރައީސަކު އިއުލާން ކުރެވުމުން، ގާނޫނު ހަދާ މަޖިލީހުން އެމީހުން ތަމްސީލުކުރި ޕާޓީއަށް ބެލުމެއްނެތި ގިނަ ފަހަރަށް ޕާޓީ ބަދަލުކުރުމުގެ ރޯޅިއެއް އުފެދި ރައީސްގެ ޕާޓީއާ ގުޅެނީ ފައިސާއާއި މަގާމުތައް ހޯދުމަށްޓަކައެވެ. މިކަމުގެ ސަބަބުން ޤާނޫނު ހަދާ މަޖްލީހަކީ ވަކިބާރަކަށް ވިޔަސް، އޭގެ ފައިދާހުރި ގޮތެއްގައި ދެމިއޮތުމުގެ ބަދަލުގައި ވެގެންދަނީ ރައީސް މަޖްލީސް ކޮންޓްރޯލްކުރާ ރިޔާސީ ނިޒާމަކަށެވެ. ރަތީޖާއެއްގެ ގޮތުން ސަރުކާރު ޒިންމާދާރުކުރުމާއި ޖަވާބުދާރީ ކުރުމުގެ މުހިއްމު ދައުރު މަޖްލީހުން އުފުލުމަށް ހުރަސް އެޅެއެވެ.

ނޯޓް: މިއީ ޑރ. އިސްމާޢީލް ނިޒާމް އޭނާގެ އަމިއްލަ ފޭސްބުކްގައި ހިއްސާކުރައްވާފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.