އައްޑޫގައި ޑެންގީ ހުން ފެތުރޭތީ ކައުންސިލުން ބޮޑު ހަރަކާތެއް ފަށަނީ

ޝާން މުޙައްމަދު | 15 އޭޕްރީލް 2026 | ޚަބަރު

އައްޑޫސިޓީގައި ޑެންގީ ހުން ފެތުރޭތީ ސިޓީ ކައުންސިލުން ބޮޑު ހަރަކާތެއް ފަށަން ތައްޔާރުވެއްޖެއެވެ.

ކައުންސިލުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ އައްޑޫގައި މި ދުވަސްވަރު ހަލުވިކަމާ އެކު ޑެންގީ ހުން ފެތުރެމުންދާތީ، ފަޅު ގޯތިތައް ސާފުކުރުމުގެ ހާއްސަ ހަރަކާތެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އެ ހަރަކާތް އޮންނާނީ އަންނަ ހޮނިހިރު ދުވަހު ކަމަށް ކައުންސިލުން ބުނެއެވެ.

އެ ބަޔާނުގައި ކައުންސިނުން ބުނީ ސާފު ކުރުމުގެ ހަރަކާތް އައްޑޫގެ ހުރިހާ އަވަށެއްގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ކައުންސިލުން ވަނީ އައްޑޫގެ ހުރިހާ އަވަށެއްގެ ފަޅު ގޯތިތަކުގެ ވެރިފަރާތްތަކާއި، އެފަދަ ގޯތިތަކާ ހަވާލުވެ ތިއްބެވި ފަރާތްތަކުން، މި މަހުގެ 23 ގެ ކުރިން އެ ތަންތަނުގައި ހުރި ކުނިބުނިތަކާއި، ފެން ހަރުލާ ފަދަ ތަކެތި ނައްތާލައި، ގޯތިތައް ސާފުކޮށް ބެލެހެއްޓުމަށް އިލްތިމާސް ވެސް ކޮށްފަ އެވެ.

މި ހަރަކާތުގައި ހުރިހާ ރައްޔިތުންނާއި، މުއައްސަސާތަކުގެ ފުރިހަމަ އެއްބާރުލުން ދިނުމަށްވެސް ކައުންސިލުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.