ޑެންގީ ހުން ޖެހިގެން 23 އަހަރުގެ ޒުވާނަކު ނިޔާވެއްޖެ

ޝާން މުޙައްމަދު | 13 އޭޕްރީލް 2026 | ޚަބަރު

ޑެންގީ ހުން ޖެހިގެން އުމުރުން އެންމެ 23 އަހަރުގެ ޒުވާނަކު ނިޔާވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި ޒުވާނާ ނިޔާވީ ޑެންގީ ހުން ޖެހިގެން ހާލު ސީރިއަސްވެ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ބާއްވައިގެން ފަރުވާ ދެމުން ދަނިކޮށެވެ. އެ ހޮސްޕިޓަލުން ވަނީ މިކަން ކަށަވަރުކޮށްދީފައެވެ.

ޑެންގީ އަަށް ފައްސިވެގެން މި ޒުވާނާއަށް ފުރަތަމަ ފަރުވާ ދިނީ މިދިޔަ ހަފުތާގައި އޭނާގެ އުފަން ރަށް، މިލަންދޫ ސިއްހީ މަރުކަޒުގަ އެވެ. ނަމަވެސް، ހާލު ސީރިއަސްވުމުން ދެން ފޮނުވާލީ ހދ. ކުޅުދުއްފުށީ ހޮސްޕިޓަލަށެވެ. އައިޖީއެމްއެޗަށް ފަރުވާއަށް ގެނައީ އިއްޔެ ކަމަށް އެ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ޑެންގީ ހުން ޖެހިގެން ޒުވާނަކު ނިޔާވިއިރު، އެ ބަލި ރިޕޯޓުކުރި މިންވަރު ވެސް ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެގޮތުން ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ މަހު ޑެންގީ ޖެހިގެން 535 ކޭސް ވަނީ ރިޕޯޓުކޮށްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރިޕޯޓުކުރި ކޭސްގެ އަދަދު އުޅެނީ 60 ގަ އެވެ.

މިދިޔަ ފެބްރުއަރީ މަހު ޑެންގީ ޖެހިގެން 428 ކޭސް ރިޕޯޓުކުރިއިރު، މިދިޔަ އަހަރުގެ ފެބްރުއަރީ މަހު އެ އަދަދު ހުރީ 76 ގަ އެވެ. 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.