މިއާންޒް ކޮލެޖުގައި ކިޔަވައިދޭ ޕާޓް ޓައިމް ލެކްޗަރުންނަށް މުސާރަ ނުދޭތާ 3 މަސް ދުވަސް ވެއްޖެ އެވެ. މިކަން ހާމަކުރީ ސޯޝަލް މީޑިއާ އެކްޓިވިސްޓް ހަސަން ކުރުސީ އެވެ.
މިކަމާ ގުޅިގެން އެ ކޮލެޖުގައި ޕާޓް ޓައިމްކޮށް ކިޔަވައިދެއްވާ ބައެއް ލެކްޗަރުންނާއި ވާހަކަދައްކާލުމުން އެއީ ތެދުކަން ވަނީ ކަށަވަރު ވެފައެވެ. ބައެއް މީހުން ބުނިގޮތުގައި ތިން މަސް ދުވަހަށް ވުރެ ގިނަ ދުވަސްވެގެންދިއުމުން ޗެއާމަނަށް މެސެޖުކުރުމުން އެއް މަސް ދުވަހުގެ މުސާރަ ދީފައިވާ ކަމަށެވެ.
މިއާންޒް ކޮލެޖުގައި ގިނައިން މަސައްކަތްކުރަނީ ބިދޭސީ ޓީޗަރުންނެވެ. އަދި މެނޭޖްމަންޓުގައި ގިނައީ ވެސް ބިދޭސީ މުވައްޒަފުންނެވެ. އަދި އެމީހުންނަށާއި، ރެކްޓަރ ލަމްޔާ އަބްދުލް ހާދީއަށް ބަރާބަރަށް މުސާރަ ނަގާކަމަށެވެ. ވަގު ސެޓްފިކެޓްތައް ނަގައިގެން ކޮލެޖުގެ މަތީ މަޤާމުތަކުގައި ތިބެގެން ބޮޑު މުސާރަ ނަގަމުންދާ ކަމަށެވެ. މުސާރަ ނުދެވެނީ ހަމަ އެކަނި ދިވެހި ޕާޓް ޓައިމް މުވައްޒަފުންނަށް ކަމަށް ވެއެވެ. އަދި މުސާރަ ކަލްކިއުލޭޓް ކުރުމުގައި މަކަރު ހަދާކަމަށް ވެސް ބައެއް ޓީޗަރުން ތުހުމަތު ކުރެއެވެ. ހަމަ އެގޮތަށް ދަރިވަރުންގެ އަތުން ޑަބަލްކޮށް ފީ ނަގާކަމަށް ވެސް ތުހުމަތު ކުރެއެވެ.
މައި ކޮލެޖުގެ ފެންވަރު ދަށްވެ ކުދިން ލިބޭލެއް ދަށްވާން ފެށުމުން މިދިޔަ އަހަރު ވަނީ އެ ކޮލެޖުގެ ނަން ރީބްރޭންޑްކޮށް މިއާންޒް ކޮލެޖަށް ބަދަލުކޮށްފައެވެ. ކުރިން 19 ކެމްޕަސް ހިންގި އެ ކޮލެޖުގައި މިހާރު ހުރީ އެންމެ 4 ކެމްޕަސް ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. ކުރިން ކޮލެޖު އެންމެ ރަނގަޅު ދުވަސްވަރުގައި އެތަން ހިންގާފައިވަނީ ޑރ. އާމާލް އަލީ އެވެ. އޭނާ ބޭރުކޮށްލުމަށް ފަހު ލަމްޔާ އަބްދުލް ހާދީ އާއި ޙަވާލުވި ފަހުން ކޮލެޖުގެ ހިންގުން ވަނީ ޚަރާބުވެފައި ކަމަށާއި، ބިދޭސީން ހެދިހާ ގޮތަކަށް ހެއްލިގެން ހުރުން ނޫން ކަމެއް އޭނާ ނުކުރައްވާ ކަމަށް ވެސް ބައެއް ސްޓާފުން ތުހުމަތު ކުރެއެވެ.
މިއީ ރާއްޖޭގައި ދެވޭ މަތީ ތަޢުލީމުގެ އަގު ވެއްޓިގެންދިޔަ މައިގަނޑު އެއް ސަބަބު ކަމުގައި ގިނަ ބަޔަކު ޤަބޫލުކުރެއެވެ.
ކިޔުންތެރިންގެ ހިޔާލު