
ށ. އަތޮޅު ފީވަކުގައި އެމްޓީސީސީ އާއި ޙަވާލުކޮށްފައިވާ ހުރިހާ ތަރައްޤީގެ މަޝްރޫޢެއް މިހާރު ވަނީ ހުއްޓިފައި ކަމަށާއި، މުވައްޒަފުން ކުރާ އެއްވެސް ކަމެއް ނެތް ކަމަށް ބުނެ އެ ރަށުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.
އެ ރަށުގައި އެމްޓީސީސީ އާއި ޙަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ ތެރެއިން މޫދަށް އެރޭތަން ވެސް ކޮންނަން ފަށާފައި ނުނިންމާ ހާމައަށް ދޫކޮށްލާފައި އޮތުމުން ރަށަަށް ބޮޑެތި ގެއްލުންތަކެއް ދަނީ ލިބެމުންނެވެ. އެގޮތުން ކުރިން ރަށްގިރުމުގެ މައްސަލަ ކުރިމަތިނުވާ ބައެއް ސަރަހައްދުތައް ވަނީ ގިރަން ފަށާފައެވެ.
ސްކޫލުގައި އައު އިމާރާތެއް އެޅުމަށް ފެށި މަސައްކަތް ވެސް މިހާރު ވަނީ ހުއްޓިފައެވެ. އަދި މަސައްކަތް ދެން އަލުން ފެށޭނެ ދުވަހެއް ޚުދު މުވައްޒަފުންނަކަށް ވެސް ނޭނގެއެވެ. ދިރާސީ އައު އަހަރުގެ ކިޔެވުން ފަށަން ޖެހޭނީ ޖާގައިގެ ދަތިކަމާއެކުގައި ކަމަށްވާތީ، ބެލެނިވެރިން ތިބީ ވަރަށް ބޮޑު ހާސްކަމެއްގައެވެ.

އަދި މީގެ އިތުރުން 136 ގެވަޅު ހިއްކުމާއި ގުޅިފައިވާ މަގުތައް ހިއްކުމުގެ މަސައްކަތް ވެސް ވަނީ ހުއްޓިފައެވެ. އެހެންކަމުން ފީވަކުގެ ތަރައްޤީއަށް ވަނީ ކަޅު އަނދިރި ދުވަސްތަކެއް ކުރިމަތިވެފައި ކަމަށާއި، ވައުދުވީ ގޮތަށް އެއްވެސް ކަމެއް ކުރެވިފައިނުވާތީ، ރައްޔިތުން ތިބީ ވަރަށް ބޮޑަށް ހިތްހަމަނުޖެހިފައެވެ.
ކިޔުންތެރިންގެ ހިޔާލު