އެހެން އަހަރުތަކެކޭވެސް އެއް ފަދައިން މި އަހަރުގެ ރަމަޟާން މަހަށްވެސް ސަޢޫދީޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަދުރު ހަދިޔާކުރިއެވެ. އެގޮތުން މި އަހަރު ސަޢޫދީން ހަދިޔާކުރި 50 ޓަނުގެ ކަދުރު އަދި ރައްޔިތަކާ ހަމައަށް ނުފޯރައެވެ.
ކަދުރު ނުލިބި މިއަހަރުގެ ރަމަޟާންމަސް ނިމެންގާތްވެފައިވާއިރު މިއަދަކީ، ބަރަކާތްތެރި ރަމަޟާން މަހުގެ 26 ވަނަ ދުވަސް ކަމަށްވާއިރު، ދެން ބާކީ އޮތީ 3 ނުވަތަ 4 ދުވަހެވެ.
މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑރ، މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެފައިވާ ގޮތުގައި މިއަހަރުވެސް ސަޢޫދީ ސަރުކާރުން ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކުރުމަށް ވަނީ ނިންމާފައެވެ. ސަޢުދީ ޢަރަބިއްޔާއިން ދިވެހި ރައްޔިތުންނަށް ހަދިޔާކުރާ 50 ޓަނުގެ ކަދުރު ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމުގައި، އިސްލާމިކް މިނިސްޓްރީއަށް ހަދިޔާކުރި ކަދުރު ހަވާލުކުރުމަށް، މި ހުސްވި ފެބުރުއަރީމަހުގެ 23 ވަނަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޑރ. ޝަހީމް ވަނީ ވިދާޅުވެފައެވެ.
ސަޢުދީ ޢަރަބިއްޔާގެ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ދަޢުވާ އެންޑް ގައިޑެންސްއިން ދިވެހިރާއްޖޭގެ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއަށް 15 ޓަނުގެ ކަދުރު ވަނީ ހަދިޔާކޮށްފައެވެ. މިކަދުރު ބެހީ ކޮންބަޔަކަށް ކަމެއް އެމިނިސްޓްރީން ހާމަކުރައްވާފައެއް ނުވެއެވެ.
ރާއްޖެއާ ސަޢޫދީޢަރަބިއްޔާ އާއި ދެމެދު އޮންނަ ގާތްގުޅުން ސިފަކޮށްދެއްވަމުން މިނިސްޓަރ އޮފް އިސްލާމިކްއެފެއާޒް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުފައި ވަނީ، ޢަރަބިކައިގެން ތިބިކަމަށް ވާނަމަ ދިވެހިންވެސް ތިބޭނީ ކައިގެން ކަމަށެވެ.
ޢަރަބި އިސްލާމީ ދުނިޔޭގެ ޤައުމުތަކުގެ ތެރެއިން ސަޢޫދީއަރަބިއްޔާ އަކީ، ދިވެހިރާއްޖެއަށް އެންމެ ގިނައިން ތަކެއްޗާއި ފައިސާގެ އެހީތައް ދޭ އެއް ޤައުމެވެ. މިހާތަނަށް ކޮންމެ އަހަރަކުވެސް ސަޢޫދީން ދިވެހިރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާގެ ގޮތުގައި އައީ ދެމުންނެވެ.
ކިޔުންތެރިންގެ ހިޔާލު