ށ. ފޯކައިދޫގައި ސަރުކާރުން ހިންގާ ތަރައްޤީގެ މަދު މަޝްރޫޢުތަކުގެ ތެރެއިން އެރަށުގައި ފަށާފައިވާ ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތަށް 2 އަހަރު ފުރުނުއިރު، މަސައްކަތުގެ %20 ވެސް ފުރިހަމަ ނުވާތީ، ރައްޔިތުން ކަންޑުވުން ފާޅުކުރަން ފަށައިފި އެވެ.
ފޯކައިދޫން މަޢުލޫމާތު ދިން މީހަކު ބުނިގޮތުގައި އެރަށަށް އުމްރާނީ ތަރައްޤީގެ 11 މަޝްރޫޢެއް މިސަރުކާރުން އިޢުލާން ކޮށްފައިވެެއެވެ. އެހެން ނަމަވެސް އެއްވެސް މަސައްކަތެއް އެދެވޭގޮތެއްގައި ކުރިއަށް ގެންދެވޭތަނެއް އަދި ނުފެނެއެވެ. އެގޮތުން ވޭސްޓް މެނޭޖްމަންޓް ސެންޓަރުގެ މަސައްކަތާއި، ޕޮލިސް ސްޓޭޝަން އެޅުމުގެ މަސައްކަތާއި، އިސްލާމިކް ސެންޓަރު އެޅުމުގެ މަސައްކަތް ވެސް ދަނީ ފިނިހަކަ ސްޕީޑްގައި ކަމަށެވެ.
އޭނާ އިތުރަށް ބުނީ އެންމެ ދެރަވަނީ ހަމަ ރީތިކޮށް ހުރި މިސްކިތެއް ތަޅާލީތީ އެވެ. އަދި ސަރުކާރަށް އިތުބާރުކޮށްފައި މިސްކިތް ތަޅާލަން ފުރުސަތު ދެވުނީތީއެވެ. މީގެ ކުރިން ސަރުކާރުން އެރަށުގައި މަސައްކަތެއް ފަށައިފިނަމަ ވަރަށް އަވަހަށް އެކަމެއް ނިންމާފައިވާ ކަމަށެވެ. އެހެން ވެގެން މިސަރުކާރަށް ވެސް އިތުބާރު ކުރެވުނީ ކަމަށެވެ.
އަދި އެންމެ ހިތާމަކުރަނީ އެއްވެސް މަޝްރޫޢެއްގެ މަސައްކަތް ކުރިއަށްދާގޮތް ނުވިޔަސް ވަޒީރަކާ ސުވާލެއް ކޮށްލެވޭނެ ގޮތެއް ވެސް ނެތީމައެވެ. ދާއިރާ ތަމްސީލް ކުރައްވަން ހުރީ ވެސް ހުސްގޮނޑިއެއް ކަމަށް ވާތީ އެވެ. އެމީހުންނަށް އޮތީ ދުޢާ ކުރުމެވެ.

ކިޔުންތެރިންގެ ހިޔާލު