ޣައްޒާގެ ކޮންޓްރޯލް ހަމާސްއިން ދޫކޮށްލައި ފަލަސްތީން އޮތޯރިޓީއާ ހަތިޔާރު ހަވާލުކުރުމަށް ޝަރުތުކޮށް، ދައުލަތެއްގެ ގޮތުގައި ފަލަސްޠީން ބަލައިގަތުމަށް ގޮވާލާ ގަރާރު އދ. އިން ފާކޮށްފިއެވެ. މި ގަރާރާ ދެކޮޅަށް އެމެރިކާއިން ވޯޓް ދިން ނަމަވެސް ވީޓޯ ކުރުމުގެ ބާރު މިފަހަރު ބޭނުންކޮށްފައެއް ނުވެއެވެ.
ފަލަސްޠީންގެ ދައުލަތް ބަލައިގަތުމަށް ގޮވާލާ މި ގަރާރަށް އދ.ގެ 193 މެންބަރު ގައުމުގެ ތެރެއިން 142 ގައުމަކުން ވަނީ ތާއީދުކޮށް ވޯޓު ދީފަ އެވެ. ދެކޮޅަށް ވޯޓު ދީފައި ވަނީ އެންމެ 10 ގައުމަކުންނެވެ. އޭގެ ތެރޭގައި އިޒްރޭލާއި އެމެރިކާ ހިމެނެ އެވެ. ވޯޓުގައި 12 ގައުމަކުން ބައިވެރިއެއް ނުވެ އެވެ.
އިޒްރޭލުން ބުނީ، 2023 ވަަނަ އަހަރުގެ އޮކްޓޫބަރު 7 ގައި ހަމާސް އިން އިޒްރޭލަށް ދިން ހަމަލާ ކުށްވެރިކުރުމުގައި އދ.ގެ އިދާރާތައް ބޭއިންސާފުވެފައިވާ ކަމަށެވެ. އަދި މިއީ ހަމާސްގެ ހަމަލާގެ ބަދަލުގައި އެކުވެރި ދައުލަތްތަކުން ޓެރަރިސްޓުންނަށް ދޭ އިނާމެއް ކަމަށެވެ. ނަމަވެސް ފްރާންސާއި ސައޫދީ އަރަބިއްޔާގެ އިސްނެގުމަށް ހުށަހެޅި ގަރާރުގައި ހަމާސް ކުށްވެރިކޮށް އަދި އިޒްރޭލުގެ ހުރިހާ އަސީރުން މިނިވަންކުރުމަށް ވެސް ޝަރުތުކޮށްފައި ވެއެވެ.
ނިއު ޔޯކް ޑެކްލަރޭޝަންގައި، އދ.ގެ ސަލާމަތީ މަޖިލީހުގެ ބެލުމުގެ ދަށުން ސުލްޙަ ޤާއިމުކުރާ ބައިނަލްއަގުވާމީ މިޝަނެއް އުފެއްދުމާބެހޭ ގޮތުން މަޝްވަރާކުރަން ވެސް ކަނޑައަޅާފައިވެ އެވެ. މި މިޝަންގެ މަގްސަދަކަށް ވާނީ ފަލަސްތީނުގެ އާންމު ރައްޔިތުންނަށް އެހީތެރިވުމާއި ސަލާމަތީ ޒިންމާތައް އަދާކުރުމުގައި ފަލަސްތީން އޮތޯރިޓީއަށް އެހީތެރިކަން ފޯރުކޮށްދިނުން ކަމަށް ވެސް ކަނޑައަޅާފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު