ބ. ދޮންފަނު މުޒާހަރާ އެއް ބަޔަކަށްވީ ހިތްވަރު ގަދަ ކަމުގެ ނަމޫނާ އަކަށެވެ. އަދި އަނެއް ބަޔަކަށް އެކަންވީ ފަތުރުވެރިކަމުގެ ޞިނާޢަތަށް ދިން ޙަމަލާއަކަށެވެ. އަސްލު މައްސަލައަކީ ކޮބައިކަން ބަޔާންކޮށްދޭތީ ފެންނަނީ މަދު ބައެކެވެ.
ދޮންފަނުން ހިއްކަން ކަނޑައެޅި ސަރަހައްދުން ކަނޑުމަތީގައި މުޒާހަރާ ކުރަނީ، މުޒާހަރާ ކުރިއަށްދާ ވަގުތުތަކުގައި އެ ސަރަހައްދުގައި ފީނުމާއި ޑައިވްކުރުމަކީ ރައްކާތެރިކަމެއް ނޫން ކަމަށް ބުނެ ދޮންފަނު ކައުންސިލުން ވަނީ އެ ސަރަހައްދުގައި ޑައިވްކުރުމާއި ފީނުން ވަގުތީގޮތުން މަނާކޮށްފައެވެ. އެ ނިންމުން ބާތިލް ކުރަން އެލްޖީއޭ އިން އެރަށު ކައުންސިލަށް ވަނީ އަންގާފައެވެ.
ދޮންފަނުގެ މައްސަލަ ހޫނުވީ، އެ ރަށުގެ ބިން ހިއްކުމުގެ މަސައްކަތް މިދިޔަ މަހު އެމްޓީސީސީއާ ހަވާލުކުރުމަށް ފަހު، އެއްބަސްވުން ބާތިލް ކުރުމުންނެވެ. ޖުމުލަ ތޭރަ ހެކްޓަރުގެ ބިން ހިއްކުމުގެ އެ މަޝްރޫއު ހުއްޓާލަން ސަރުކާރުން ނިންމީ ދޮންފަނާ ކިލޯމީޓަރެއްހާ ކައިރީގައި އޮންނަ ހަނިފަރަށް ގެއްލުންވާ ކަމަށް ތިމާވެށީގެ ޖަމިއްޔާތަކާ އެކު ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރުމުންނެވެ.
ދޮންފަނުން ބިން ހިއްކާނެ ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާ ވައުދުފުޅު އިއްވުމުން އެމީހުން ތިބީ ނުހަނު އުފަލުން ޔަޤީންކަމާ އެކުގައެވެ. ނަމަވެސް ކުއްލިއަކަށް އުންމީދުތައް ފުނޑު ފުނޑު ވުމުން އެމީހުންގެ ޖަޒުބާތުތައް އޭގެ މީޒާނުން ކައްސާލީއެވެ.
ކިޔުންތެރިންގެ ހިޔާލު