ޣައްޒާގެ ހުޅަނގުގައި ދިރިއުޅޭ އާއިލާތައް ފައްސާލުމަށް ފަހު އަލިފާން ބޮންއަޅާ އަޅިއަށް ހަދާލަނީ

މިލައުތުރު | 14 ސެޕްޓެމްބަރ 2025 | ޚަބަރު

ވައިގެ މަގުން އިންޒާރުގެ ނޯޓުތަކެއް ޣައްޒާގެ ތެރެއަށް އަޅާލުމަށް ފަހު، ހަމަލާތައް އިތުރުކޮށް މުޅި ޣައްޒާ އަލިފާންގަނޑަަކަށް ހަދާލާފައިވާ ކަމަަށް ރިޕޯޓްތައް ބުނެފިއެވެ. އެގޮތުން ރޭގައި މީޑިއާތަކުން ހާމަކުރި ފޮޓޯތަކާއި ވީޑިއޯތަކުން ޣައްޒާގެ މަލަމަތި ފެންނަނީ ބޮޑު އަލިފާންގަނޑެއްގެ ގޮތުގައެވެ.

އިޒްރޭލުން ހާމަކުރި ގޮތުގައި ހަމަލާތައް ވަރުގަދަކުރުމާއެކު ޣައްޒާއިން 250،000 މީހަކު ރަށްބޭރަށް ނުކުމެފައިވާ ކަމަށެވެ. ނަމަވެސް ފަލަސްތީނުގެ އިދާރާތަކުން ބުނަނީ މިއީ ސައްހަ އަދަދެއް ނޫން ކަމަށާއި މިހާ ގިނަ ބަޔަކު ނުނިކުންނަ ކަމަށާއި، ހަމަލާތައް ދެމުންދަނީ މީހުން ދިރިއުޅޭ ސަރަހައްދުތަކަށް ކަމަށެވެ. ޣައްޒާގެ ސިވިލް ޑިފެންސް އެޖެންސީން ބުނީ ޣައްޒާ ސިޓީން ނުކުތީ 70،000 މީހުން ކަމަށެވެ. އަދި މިހާރު ދެމުން ގެންދާ ހަމަލާތަކުގައި ޝަހީދުވާ މީހުންގެ އަދަދުވެސް ނޭނގޭ ކަމަށާއި، ޝަހީދުންގެ ހަށިތައް ވެސް ހޯދިފައިނުވާ ކަމަށެވެ.

Advertisement

ފަލަސްތީނުގެ ރަސްމީ އިދާރާތަކުން ބުނާގޮތުގައި ޣައްޒާގައި އާންމުން ދާން އިޒްރޭލުން އަންގާފައިވާ ދެކުނުގެ ސަރަހައްދު ވަނީ ތޮއްޖެހިފައި ކަމަށާއި، އިތުރު ބަޔަކަށް ނޫޅެވޭ ވަރު ވެފައިވާ ކަމަށެވެ. އދ. ގެ އިތުރުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ގޮވާލާފައިވަނީ އިޒްރޭލުން ޣައްޒާ ހިފުން ވަގުތުން ހުއްޓާލުމަށެވެ. ނޫނީ އިންސާނީ ބޮޑު ކާރިޘާއެއް ކުރިމަތި ވެދާނެ ކަމަށެވެ.

ޣައްޒާގައި މިހާރު ނޫސްވެރިންނަށް ހަރަކާތްތެރިވުމުގެ ފުރުސަތު ނުދޭތީ މި އަދަދުތައް ތިންވަނަ ފަރާތަކަށް ކަށަވަރުކުރެވޭ ގޮތް ވަނީ ނުވެފައެވެ. އިޒްރޭލުގެ އަސްކަރިއްޔާއިން ގެންދަނީ ހުޅަނގުގެ ސަރަހައްދުތަކުން މީހުން ނުކުތުމަށް ގޮވާލައި ލީފްލެޓްތައް އަޅަމުންނެވެ. އިޒްރޭލުގެ ރޭވުމަކީ މީހުން ނެރުމަށް ފަހު، މުޅި ސަހަރު އެއްކޮށް ގޮއްވާލާ ފަނާކޮށްލުމެވެ. އެމީހުން ދެކޭގޮތުގައި އެ ސަރަހައްދުގެ އަޑީގައި ޓަނަލްތަކުގައި ހަމާސްގެ ލީޑަރުން ދިރިއުޅޭ ސެންޓަރުތަކެއް ގާއިމުކޮށްފައި ވެއެވެ.

Advertisement

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.