މީޑިއާ ކޮންޓްރޯލް ކުރާ ވާހަކައިގެ އަޑުތައް ގަދަވެފައިވަނިކޮށް ރިޔާސީ ދައުރު ދަންމާލުމަކީ ގޯސްކަމެއް ނޫން ކަމަށް ވިދާޅުވެ އެކަމަށް ތާއިދުކުރައްވާ ކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވާހަކަފުޅު ދައްކަވައިފި އެވެ.
ސަރުކާރު ޕްރޮމޯޓުކުރާ މީޑިއާއެއްގެ ގޮތުގައި މަޝްހޫރު “މެންދުރު ޓީވީ” ގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން މައްޗަންގޮޅީ އުތުރު ދާއިރާގެ ޕީއެންސީގެ މެންބަރު އިބްރާހިމް މުހައްމަދު (ޖަނާބު) ވިދާޅުވީ، ސަރުކާރުން މިހާރު ކުރިއަށްގެންދާ ގައުމަށް ފައިދާހުރި ގިނަ ގުނަ މަޝްރޫއުތަކާއި، ގައުމީ ސިޔާސަތުތައް ފަހުން އަންނަ ސަރުކާރަކުން ބަދަލުކޮށްލުމުގެ ފުރުސަތު ނުދިނުމަށް ރިޔާސީ ދައުރު ދަންމާލަން ޖެހޭ ކަމަށެވެ.
ޤައުމީ ތަރައްޤީގެ މަޝްރޫޢުތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ރިޔާސީ ދައުރު ދަންމާލުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ވެފައި، ދިވެހިރާއްޖެއަކީ މުސްލިމު ދައުލަތެއް ކަމަށް ވާއިރު، ރާއްޖޭގެ ހަމަޖެހުމާއެކު އިޤްތިޞާދު ހިމާޔަތްކޮށް، ރާއްޖޭގެ އިސްތިޤްލާލު ނެގެހެއްޓުމަކީ އެންމެ ބޮޑު ވާޖިބެއް ކަމަށެވެ. ރާއްޖޭގެ ސިޔާސީ އޮއިވަރަށް ބަލާއިރު، ވަރަށް ހަރުދަނާ މަސައްކަތްތައް ސަރުކާރަކުން ފެށިޔަސް ސަރުކާރު ބަދަލުވުމުން ކުރިއަށް ނުގެންދާ ކަމަށެވެ.
މިސަރުކާރުން މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރު ކޮށްދެއްވުމަށްޓަކައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ފައްޓަވާފައިވާ ބިންހިއްކުމުގެ މަޝްރޫޢު ނިމެންދެން ރިޔާސީ ދައުރު ދަންމާލުމުން ފައިދާ ވާނީ ރައްޔިތުންނަށް ކަމަށެވެ. އެއީ “ގްރޭޓާ ގުޑް” ނުވަތަ މުޅި މުޖުތަމަޢުގެ ފައިދާއަށްޓަކައި ކުރުން ގޯސްކަމެއް ނޫން ކަމަށާއި، އެކަމަކީ މަޝްވަރާ ކުރެވިދާނެ ކަމެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު