“އައިޝާ” ޑޮކިއުމެންޓަރީއާ ގުޅޭ ޖިނާއީ ތަޙުޤީޤަށް ޤާނޫނީ ނަޒަރެއް!

މިލައުތުރު | 1 މޭ 2026 | ރިޕޯޓު

28 މާރިޗް 2026 ގައި ޢަދަދު ނޫހުގެ ސޯޝަލް މީޑިއާ ޕްލެޓްފޯރމް ތަކުގައި “އައިޝާ” ގެ ނަމުގައި ޝާއިޢުކުރެވުނު ޑޮކިޔުމެންޓަރީއާ ގުޅިގެން ފުލުހުންގެ އިދާރާއިން ޢަދަދު ނޫހާ އިދިކޮޅަށް ހިންގަން ފަށައިފައިވާ ޖިނާއީ ތަޙުޤީޤާ ގުޅިގެން، ޤާނޫނީގޮތުން ފާހަގަކުރެވޭ ބައެއް ކަންކަމަށް ކުރުގޮތަކަށް އަލިއަޅުވައިލުމަކީ މުހިއްމު ކަމެއްކަމުގައި ދެކެމެވެ.

ޤާނޫނުއަސާސީގެ 27 ވަނަ މާއްދާއާއި 28 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، ނޫސްވެރިކަމުގެ މިނިވަންކަމަކީ ޙަޤީޤަތުގައި ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންވެގެންވާ އުޞޫލުތަކާ އެއްގޮތްވާގޮތުގެ މަތިން، އަދި އެ އުޞޫލުތަކާ ޚިލާފުނުވާނޭ ގޮތެއްގެ މަތިން ފާސްކުރެވިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ރިޢާޔަތްކޮށް ތަންޡީމުކުރެވިފައިވާ އަސާސީ މިނިވަންކަމަކަށް ވާއިރު، ދައުލަތުގެ މުއައްސަސާތަކާއި އިދާރާތަކުގެ ތެރޭގައި ހިނގާ ޤާނޫނާ ޚިލާފު ކަންކަމާއި، އަށަގެންފައިވާ ފަސާދައިގެ ޙަޤީޤަތް ރައްޔިތުންނާއި ހަމަޔަށް މީޑިއާގެ ވަސީލަތްތަކުން ހެޔޮނިޔަތުގައި ވާޞިލުކޮށްދިނުމަކީ ދިމިޤުރާޠީ މުޖްތަމަޢުތަކުގައި ނޫސްވެރިން އަދާކުރަމުން އަންނަ މުހިއްމު މަސްއޫލިއްޔަތަކަށް ވާއިރު،  ބުނެވުނު ޑޮކިޔުމެންޓަރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފަކު، ރައީސުލްޖުމްހޫރިއްޔާއަށް ތުހުމަތުކޮށް ދައްކާފައިވާ ވާހަކަތަކުގައި ހިމެނޭ ވަޤާއިޢުތަކަކީ ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ މަސްއޫލިއްޔަތުގެ ބޭރުން ކުރައްވާފައިވާ ކަންކަމުގައި ބެލެވޭ ހިނދު، އަދި ކިއެއްތަ! އެ ކަންކަމަކީ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ (ހ) ގެ (1) އާއި (2) ގެ ދަށުން، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ޖަވާބުދާރީ ވެވަޑައިގަންނަވަންޖެހޭ ކަންކަން ކަމުގައި ބެލެވޭ ހިނދު، ޢަދަދު ނޫހުގެ ފަރާތުން ޝާއިޢުކުރި އިޝާރާތްކުރެވުނު ޑޮކިޔުމެންޓަރީ އަކީ، އެނޫންގޮތަކަށް ޘާބިތުނުވާހައި ހިނދަކު، ނޫސްވެރިކަމުގެ ސުލޫކީ ޤަވާޢިދުތަކަށް ފެތޭ މީޑިއާ ކޮންޓެންޓް އެއްކަމަށް އުޞޫލީގޮތުން ބަލަންޖެހެއެވެ. އެ ޑޮކިޔުމެންޓަރީ ޝާއިޢުކުރުމުގައި ނޫސްވެރިކަމުގެ ސުލޫކީ މިންގަނޑާ، ޢަދަދު ނޫހުން ޚިލާފުވެފައިވާ ކަމުގެ ޝަކުވާއެއް އޮވެއްޖެނަމަ، އެފަދަ ޝަކުވާއެއް ބެލުމުގެ ބާރަކީ ނޫސްވެރިންގެ ސުލޫކީ މައްސަލަތައް ބެލުމުމުގެ އިޚްތިޞާޞް ލިބިގެންވާ ކަމާބެހޭ މުއައްސަސާގެ ބާރެއްކަން އެނގެން އޮންނައިރު، ޢަދަދު ނޫހާ އިދިކޮޅަށް ފުލުހުން ހިންގަން ފަށައިފައިވާ ޖިނާއީ ތަޙުޤީޤާ، އަދި އެއާ ގުޅިގެން ޢަދަދު ނޫހާއި އެ ނޫހުގެ ބައެއް ނޫސްވެރިންނާ އިދިކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަކީ ދީމިޤުރާޠީ ޕްރެކްޓިސްތަކާ ބީރައްޓެހި، އަދި ދިވެހިރާއްޖޭ ބައިވެރިވާ ކަމާބެހޭ ބައިނަލްއަޤުވާމީ މުޢާޙަދާތަކާ ޚިލާފު ޕްރެކްޓިސް ތަކެއްކަން އެނގެއެވެ.

ޖިނާއީ ތަޙުޤީޤު ބިނާކުރި އަސާސް (ޤަޛްފުކުރުން): ޢަދަދު ނޫހުގެ ފަރާތުން ޝާއިޢުކުރި އިސްވެ އިޝާރާތްކުރެވުނު ޑޮކިޔުމެންޓަރީއާ ގުޅިގެން ފުލުހުން ހިންގަނީ “ޤަޛްފު” ކުރުމުގެ ކުށުގެ ތަޙުޤީޤެއްކަމަށް ފުލުހުންގެ ފަރާތުން ބުނެފައިވާއިރު، ޤަޛުފުގެ ކުށަކީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 612 ވަނަ މާއްދާގައި ތަޖްރީމުކުރެވިފައިވާ ކުށަކަށްވުމުގެ އިތުރުން އެއީ އިސްލާމީ ޝަރީޢަތުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ކަމާއި، އަދި، އެއީ އިސްލާމީ ޝަރީޢަތުގައި ޙަރާމްކުރެވިފައިވާ ބޮޑު ފާފައެއްކަން އެނގެން އޮންނައިރު، އިސްލާމީ ޝަރިޢަތުގައި ޤަޛްފުގެ މަފްހޫމަށް ބަލާއިރު އެއީ: ޘާބިތުކުރުމަށް ޝަރީޢަތުގައި ކަނޑައެޅިފައިވާ ހެކިން ހުށަހެޅުމަކާ ނުލައި، ޢިއްފަތްތެރިއަކަށް ޞަރީޙަ ޢިބާރާތުން ޒިނޭގެ ތުހުމަތުކުރުން، ނުވަތަ ދަރިއަކުގެ ނަސަބު އެ ކުއްޖާގެ ބައްޕަގެ ކިބައިން ނަފީކުރުމެވެ. މި މަފްހޫމުގެ އަލީގައި ބުނެވުނު ޑޮކިޔުމެންޓަރީގައި ވާހަކަދައްކާފައިވާ ކަމަށް ބެލެވޭ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މުވައްޒަފުގެ ވާހަކަތަކުގައި ޤަޛުފުގެ ކުށުގެ ޢުންޞުރު ފުރިހަމަވާ ކުށަކަށް އަރައިގެންފައިވާކަން އެނގޭކަށް ނެތެވެ. އޭގައި ޒިނޭކުރިކަމަކަށް އިޢުތިރާފުވެފައި ނުވަތަ ތުހުމަތުކޮށްފައިވެސް ނެތެވެ. އޭގައި ދައްކާފައިވާ ވާހަކަތަކުގައި ތުހުމަތުކޮށްފައިވަނީ “ޖިންސީ” ގުޅުމެއް ހިނގާފައިވާ ކަމަށެވެ. ޖިންސީ ކޮންމެ ކުށަކީ ޟަރޫރީގޮތުން “ޒިނޭ” ގެ ކުށަކަށް ނުވާއިރު، ބުނެވުނު ޑޮކިޔުމެންޓަރީގައި ވާހަކަދެއްކި ފަރާތުން ތުހުމަތުކޮށްފައިވަނީ “ޒިނޭ” ގެ ކުށް ކުރިކަމަށް ކަމަށް ކުރިޔާލައި ނިންމައި، ޤަޛްފުގެ ކުށް ކުރިކަމުގެ ޖިނާއީ ތަޙުޤީޤެއް މި މައްސަލާގައި ފަށައިފައިވަނީ ތަޙުޤީޤީ އިދާރާތަކުން ނަގަހައްޓަންޖެހޭ މުސްތަޤިއްލުކަމާއި “ޕްރޮފެޝަނަލިޒަމް” ގެ އުޞޫލުތަކާ ޚިލާފަށްކަން ފާހަގަކުރެވެއެވެ.

ދިވެހިރާއްޖޭގެ ޤާނޫނީ ނިޒާމުގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ ޙައިޘިއްޔަތުން ރައީސުލް ޖުމްހޫރިއްޔާގެ މަޤާމު އަދާކުރާ މީހާ އަކީ މުޤައްދަސް އަދި މަޢުޞޫމް ޝަޚްޞެއް ނޫންކަމާއި، ޖިނާއީ ކުށެއްގެ ތުހުމަތު ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަ މީހެއްގެ މައްޗަށް ކުރެވިއްޖެނަމަ އެ ކުށް މިނިވަންކަމާއި މުސްތަޤިއްލުކަމާއެކު ތަޙުޤީޤުކުރުމުގެ ބާރު ތަޙުޤީޤީ އިދާރާތަކަށް ލިބިގެންވާކަމާ، އަދި، އެފަދަ ކުށަކާ ގުޅިގެން ދަޢުވާކުރަން ޖެހިއްޖެނަމަ ޤާނޫނުއަސާސީގެ 127 ވަނަ މާއްދާގައި ކަނޑައަޅާފައިވާ “އިމިޔުނިޓީ” ނުވަތަ ރައްކާތެރިކަން ފިޔަވައި އެހެން ރައްކާތެރިކަމެއް ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންނުވާކަން އެނގެން އޮންނައިރު، ޢަދަދު ނޫހުގެ ޙަވާލާދެވުނު ޑޮކިޔުމެންޓަރީއާ ގުޅިގެން ޖިނާއީ ތަޙުޤީޤެއް ހިންގަން ފުލުހުން ނިންމާފައިވާނަމަ، އޭގައި ޝާމިލުވާ ވަޤާއިޢުތައް ނިސްބަތްވާ އެއް ފަރާތަކީ ޚުދު ރައީސުލްޖުމްހޫރިއްޔާ ކަމުގައިވާއިރު، “ބުނެވުނު ޑޮކިޔުމެންޓަރީގައި ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގުވާހަކައެއް ކަމަށާއި، މިފަދަ ދޮގުވާހަކަ ދެއްކި ހުރިހައި ފަރާތްތަކާ ދެކޮޅަށް ދަޢުވާކުރަން އެދޭކަމަށް” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ވިދާޅުވުމެއްގެ މައްޗަށް އެކަނި ބިނާކޮށް، ރައީސުލްޖުމްހޫރިއްޔާ އަކީ ފުލުހުން ހިންގަމުންދާ ބުނެވުނު ތަޙުޤީޤުޤައި ޝާމިލުވާންޖެހޭ މުއްތަހަމެއްކަމަށް ނަފީކުރަންޖެހޭ އެއްވެސް ޤާނޫނީ އަސާސެއް ނެތްކަން ފާހަގަކުރެވެއެވެ.

މިނިވަން މުސްތަޤިއްލު ތަޙުޤީޤަކަށް ހުރަސްއެޅިފައި ވުން: ޖިނާއީ ތަޙުޤީޤު ހިންގުމަށް ޤާނޫނުން މަތިކޮށްފައިވާ ފުލުހުންގެ އިދާރާޔަކީ ދާޚިލީ ވަޒީރުގެ ބެލުމުގެ ދަށުން ހިނގަމުންދާ މުއައްސަސާއަކަށް ވީނަމަވެސް، ފުލުހުންގެ މުއައްސަސާއިން ހިނގަމުންދާ އެއްވެސް ތަޙުޤީޤަކަށް ސީދާކޮށް ވިޔަސް އަދި ނުސީދާކޮށް ވިޔަސް ނުފޫޒުފޯރުވުމުގެ ބާރު އެ ވަޒީރަށް ލިބިގެންނުވެއެވެ. އެހެންކަމުން، ޢަދަދު ނޫހުގެ ފަރާތުން ޝާއިޢުކުރި އިސްވެ އިޝާރާތްކުރެވުނު ޑޮކިޔުމެންޓަރީއާ ގުޅިގެން ފުލުހުންގެ އިދާރާއިން ފަށާފައިވާ ތަޙުޤީޤަށް ދާޚިލީ ވަޒީރު ނޭދެވޭ ނުފޫޒު ފޯރުވުމުންދާކަން ސޯޝަލް މީޑިއާ މެދުވެރިކޮށް އެ މަނިކުފާނު ކުރައްވާފައިވާ ޕޯސްޓުތަކުން އެނގެން އޮންނަކަމާއި، މިގޮތުން، ބުނެވުނު ޑޮކިޔުމެންޓަރީގައި ދައްކާފައިވާ ވާހަކަތަކަކީ “ދޮގު އިލްޒާމް” ތަކެއްކަމަށް ސިފަކުރައްވައި، ތަޙުޤީޤު ނިމުމުގެ ކުރިން ނަތީޖާއަކަށް ވާޞިލުވެ، “ފުލުހުން ދަނީ ޤާނޫނު ތަންފީޒުކޮށް ރައީސަށް ލިބިގެންވާ ޙައްޤުތައް ދަމަހައްޓަމުން” ކަމަށް ވަޒީރު ވިދާޅުވެފައި އޮތުމުން، ބުނެވުނު ތަޙުޤީޤު މިނިވަންކަމާއި ނަޒާހަތްތެރިކަމާއެކު ހިންގުމުގެ ކުޅަދާނަކަން ފުލުހުންނަށް ލިބިގެންވުމަކީ ދުރުކަމެއްކަން ފާހަގަކުރެވެއެވެ.

ވެރިކަމުގެ ދައުރުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް މުސްތަޤިއްލުކަމާއި ނަޒާހަތްތެރިކަމާއެކު ޖިނާއީ ތަޙުޤީޤު ހިންގުމަކީ ފަސޭހަކަމަކަށް ނުވާތީ، ރައީސުލްޖުމްހޫރިއްޔާ އޭނާގެ މަޤާމުގެ މަސްއޫލިއްޔަތުގެ ބޭރުން، މަޤާމުގައި ހުރެގެން ކުރުން އެކަށީގެންނުވާ ޒާތުގެ ޚިޔާނަތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް، ނުވަތަ އެ ނޫންވެސް ޖިނާޔަތާއި ޖުނަޙުގެ ކުށެއް ކޮށްފިނަމަ، އެފަދަ ކުށަކަށް އަރައިގަތްކަމަށް ތުހުމަތުކުރެވޭ، ރައީސުލްޖުމްހޫރިއްޔާއެއްގެ މައްޗަށް ޕާރލަމެންޓަރީ ތަޙުޤީޤެއް ހިންގައި އޭނާ މަޤާމުން ޢަޒްލުކުރުމުގެ ބާރު ރިޔާސީ ނިޒާމުތަކުގައި ޤާނޫނުހަދާ މަޖިލިސްތަކާ މަތިކޮށްފައިވާއިރު، މިއީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 100 ވަނަ މާއްދާގެ ދަށުންވެސް ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ބާރެއްކަން އެނގެން އޮންނައިރު، ޙަވާލާދެވުނު ޑޮކިޔުމެންޓަރީގައި ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް ތުހުމަތުކުރެވިފައިވާ ވަޤާއިޢުތަކަކީ ރައްޔިތުންގެ މަޖިލީހުން ޕާރލަމެންޓަރީ ތަޙުޤީޤެއް ހިންގަންޖެހޭ ވަޤާއިޢުތަކެއްކަން ފާހަގަކުރެވެއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ކަނޑައަޅައި ބަޔާންވެގެންވާ، ރައްޔިތުންގެ ކިބައިން ފެށިގެން އަންނަ ދިވެހި ދައުލަތުގެ ބާރުތަކުގެ ތެރެއިން ވެރިކަންހިންގުމުގެ ބާރު ލިބިގެންވަނީ ރައީސުލްޖުމްހޫރިއްޔާއަށް ކަމުގައިވާއިރު، އަދި، ރައީސުލްޖުމްހޫރިއްޔާއަކީ ދިވެހި ދައުލަތުގެ އަދި ސަރުކާރުގެ އެންމެ އިސްވެރިޔާ ކަމުގައިވާއިރު، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގެ ހައިބަތާއި ޤަދަރު ރައްކާތެރިކުރެވިފައި އޮތުމަކީ އޭގެ ޒާތުގައި ދިވެހި ދައުލަތުގެ އަދި ދިވެހިރައްޔިތުންގެ ހައިބަތާއި ޤަދަރު ރައްކާތެރި ކުރެވެފައި އޮތުން ކަމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ރިޔާސަތުގެ މަޤާމުގެ ކަރާމަތަށް އުނިކަން އަންނަ ކޮންމެ ކަމަކީ ޙަޤީޤަތުގައި ދިވެހި ދައުލަތާއި ރައްޔިތުންގެ ކަރާމަތަށްވެސް އުނިކަން އަންނާނެކަމަކަށް ވީހިނދު، ޢަދަދު ނޫހުން ޝާއިޢުކުރި ޙަވާލާދެވުނު ޑޮކިޔުމެންޓަރީގައި ޝާމިލުވެގެންވާ އެންމެހައި ވަޤާއިޢުތައް ވަކިފަރާތަކަށް ބުރަނުވެ މުސްތަޤިއްލުކަމާ އެކު ތަޙުޤީޤުކުރުމުގެ ޤާބިލުކަން، ޤާއިމުވެގެންވާ ކަމާބެހޭ މުއައްސަސާތަކަށް ލިބިގެންނުވާނަމަ، 1998 ގައި ކްލިންޓަން-ލުވިންސްކީ ފަޟީޙަތް ތަޙުޤީޤުކުރުމަށް އެމެރިކާގައި ޚާއްޞަ އިންވެސްޓިގޭޓަރެއްގެ ގޮތުގައި “Kenneth Starr” ޢައްޔަންކުރެވުނު ފަދައިން، ބުނެވުނު ޑޮކިޔުމެންޓަރީގެ މައްސަލަ ތަޙުޤީޤުކުރުމަށް ޚާއްޞަ އިންވެސްޓިގޭޓަރ އެއް ޢައްޔަންކުރުމަކީ ކޮންމެހެން މުހިއްމު ކަމެއް ކަމުގައި ދެކެމެވެ.

 

ނޯޓް: މިއީ ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަޙްމަދު އަބްދު ﷲ ދީދީ ލިޔުއްވައި ސޯޝަލް މީޑިއާގައި ޙިއްސާކުރައްވާފައިވާ ލިޔުމެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.