މާއުނގޫދޫ ކައުންސިލުން އިސްނަގައިގެން އޯގަސްޓް މަހުގެ 5 ވަނަ ދުވަހު ކުރިއަށްގެންދިޔަ ފުއްޓަރު ބީޗް މޫދޫއެރޭ ސަރަހައްދު ބޮޑުކުރުމުގެ މަޝްރޫޢު ވަނީ ކާމިޔާބުކަމާއެކު ނިންމާލެވިފައެވެ. މާއުނގޫދޫއަކީ ގާމަތީ ރަށަކަށްވެފައި، ރަށުގެ ފުއްޓަރު ބީޗަކީ ރަށުގެ ކުދިބޮޑުއެންމެން ހިތްހަމަޖައްސާލާ އާއިލާއާއި ރައްޓެހިންނާއެކު ހިތްގައިމު ވަގުތުތައް ހޭދަކޮށްލުމަށް ބޭނުންކުރާ ޚާއްސަ ތަނެކެވެ.
މޫދު އެރޭ ސަރަހައްދުގެ ޖާގަ ކުޑަވުމަކީ، ރަށުގެ ވަރަށް ގިނަ ރައްޔިތުންގެ ޝަކުވާއެކެވެ. ކައުންސިލުގެ ފަރާތުން އެ ޝަކުވާތައް އަޑުއަހައި، އެ ސަރަހައްދުގެ ޖާގަބޮޑުކޮށް ރަށުގެ ރައްޔިތުން ހިތްހަމަޖެހޭގޮތަށް އެ ސަރަހައްދުގެ ޖާގައިތުރުވެގެންދިއުމީ ރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްބޮޑު އުފަލެކެވެ. އަދި މިކަމުގެ ސަބަބުން ކައިރި މުސްތަޤްބަލެއްގައި ރަށުގެ ކުޑަކުދިންނަށް ފަތަން ދަސްކޮށްދޭ ކޭންޕްތަކާއި، މޫދު ކަސްރަތު ޕްރޮގްރާމްތައް ބޭއްވުމަށް އިތުރަށް މަގުފަހިވެގެންދާނެކަމަށް ކައުންސިލުން ފާހަގަކުރިއެވެ.
މި މަޝްރޫޢު ކާމިޔާބުކަމާއެކު ނިންމާލުމަށް ފުނަދޫ ދާއިރާގެ އިއްޒަތްތެރި މެންބަރު، މުޙައްމަދު މަމްދޫޙުގެ ފަރާތުން، އަދި އެމް.ޓީ.ސީ.ސީގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވާކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު