ވަޒީފާގެ މާޙައުލުގައި ހިނގާ އެންމެ އަނިޔާވެރި އެއް ކަމަކީ ދިރިހުއްޓާ މަރާލާ މަރާލުމެވެ. އެއީ މީހެއްގެ އުންމީދުތަކާއި، ކުރިމަގާއި، ޙަޔާތުގެ އުފާތައް ގެއްލިގެންދާ ކަމެކެވެ.
ބައެއް މީހުންނަށް އެ މާޔޫސްކަން ތަޙައްމަލް ނުކުރެވި ނަފުސާނީ ބަލިމަޑުކަމުގެ ތެރެއަށް ޣަރަޤުވެގެންދާތަން ވެސް އާދެއެވެ. މީގެ ތެރޭގައި ހިމެނެނީ ވެރިންގެ ފަރާތުން ކުރިމަތިވާ ފުރައްސާރައާއި، ތަފާތުކުރުމާއި، ޖެއްސުންކުރުމާއި، އެކަހެރި ކުރުންތަކެވެ. މިއީ ރާއްޖޭގެ ވަޒީފާގެ މާާޙައުލުގައި އިންތިހާއަށް ހިނގާ ކަންކަމެވެ.
އެފަދަ އަނިޔާތަކެއް ތަޙައްމަލް ކުރި މީހަކު އޭނާގެ އަމިއްލަ ފޭސްބުކް އެކައުންޓްގައި ލިޔެފައިވާ ވާހަކަތަކެއް މި މައުޟޫގައި ހިއްސާކޮށްލަމެވެ. މީހަކު ކޮށްފައިވާ މައުޟޫއާ ގުޅޭ ޕޯސްޓެއް ހިއްސާކޮށް އޭނާ ބުނެފައިވަނީ މިފަދައިންނެވެ.
ގާތްގަނޑަކަށް 15 އަހަރު ކެތްކުރީމެވެ. ވަޒީފާއަށް ވަނީ ވަރަށް ދާހިތުން ވަރަށް ކުރާހިތުންނެވެ. އެރޮނގުން ކުރިއަށް ދާހިތުންވެސް މެއެވެ. ވަޒީފާ ދިނުމަށްޓަކައި ފުރަތަމަ ހިންގި ކޯހުންވެސް 1 ވަނަ ލިބި, ވަރަށްފޮނި އުއްމީދާ އެކުގައެވެ. ނަމަވެސް ވަކި ހިސާބަކުން ފެއްޓީ ފްރޭމް ކުރާށެވެ. އެތައް ބަދުނާމަކާއި ދޮގެއް ބޮލުގައި އެޅުވިއެވެ.
ފަހުން ދެން އެ ވަޒީފާގައި ހުންނަން ބޭނުންވީ ދަރިން ކިޔަވާ ނިމެންދެންނެވެ. ދަރިންނަށް ކާންބޯންދޭނެ ގޮތެއް, ލޯލާރިއެއް ދިއްކޮށްލާނެ ބަަފައެއް ނުވަތަ ޢާއިލާއެއް ވެސް، ރަޙުމެއް ކުރާނެ މީހެއް ނެތީމައެވެ. އެކުދިން ސްކޫލް ނިމެންދެން ކެތްކުރެވޭތޯ ބެލީމެވެ. ކެތްކުރެވޭނީ ވެސް ވަކި ވަރަކަށްތާއެވެ. ވަޒީފާގެ މާހައުލުގައި ނަފުސާނީ އަނިޔާ ލިބިލިބި ދިރިހުރި މައްޔިތަކަށް ވިއެވެ. ވަޒީފާ ގެއްލުމުން ވެސް އާދޭސްކުރީމާ ވެސް ބައްޕަގެ މުސާރައިން ޚަރަދު ކަނޑާލަދޭނެ ޤާޟީއެއް ވެސް އެދުވަހަކު ނުވިއެވެ. ލޯބި ދޭންތިބި މީހުންގެ ފުށުންވެސް އެދުވަހު ލިބުނީ އިތުރަށް އަނިޔާއެވެ. ހަފަރާތުންނެވެ.
މިއަދު މީހުން ވަޒީފާއިން ވަކިކޮށްލުމުން މުޒާހަރާކުރާ އިރު, އެދުވަހު 2 ދަރިންނާއެކު އުޅެން ޖެހުނު ނިކަމެތި ހާލު ތަޞައްވަރު ކުރެވުނު މީހަކު ނެތެވެ. ވަންނާނެ އަމިއްލަ ގެދޮރެއް އެދުވަހަކު ނެތެވެ. އާމްދަނީ ލިބުން ހުއްޓުނީއެވެ. އާދޭސްކޮށްގެން ކިޔަވައިދޭން ގެންދިޔަ އަންހެންދަރި ވެސް ބޭރުކޮށްލިއެވެ. އުޅެ ބޮޑުވި ގެއިންވެސް ރެޔާއި ދުވާލު “ގެއިން ނުކުންނަށް” ގޮވި އަޑުނޫން އަޑެއް ނީވުނެވެ. އަންހެން ދަރިފުޅު އޭނާގެ ބައްޕަގެއަށް ވަނީމާވެސް ދޮންމަންމަގެ އެދުމަށް ދަރިފުޅު ބޭރުކޮށްލީއެވެ.
އެ ދެމަފިރިން ގުޅިގެން ފުލުހުން ގެނެސް ދަރިއަށް ބިރުވެސް ދެއްކީއެވެ. އެވަގުތު ޖެންޑާގައި ހުރީ ދޮންމަންމަގެ އެކުވެރިއެކެވެ. ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދޭ ޖެންޑާ މިނިސްޓްރީން ވެސް އަޅައެއް ނުލިއެވެ. ގެދޮރުނެތި ގޭތެރޭގައި ކަމެއް ކޮށްގެން އާމްދަނީއެއް ހޯދޭނެ ގޮތެއް ނުވަތަ ވަޞީލަތެއް ނެތުމުން އާމްދަނީއެއް ލިބޭނެ އެއްވެސް ގޮތެއް ނެތެވެ. އަންހެން ދަރިފުޅު މިހާރުވެސް ހުރީ ނަފުސާނީގޮތުން ލިބުނު އަނިޔާގެ ޝިކާރައަކަށް ވެފައެވެ. ކިޔަވާށޭ ބުނެލަން ވެސް ނުޖެހި, މޮޅަށް ކިޔަވަމުން ދިޔަ ދަރިފުޅުވީ ބޮލަކަށެވެ. މައިގަހަށް ފެންނުލިބި މަރުވުމުން އެޅިމޭވާތައް ވެސް ދޮންވެ ފައްކާނުވެ ވަނދުވެދާ ފަދައިންނެވެ.
އެ ހިތްދަތި މާޒީއަށް 12 އަހަރު ފުރެނީއެވެ. އަދިވެސް ވަޒީފާގެ ބިރުވެރިކަމުގެ އަސަރު ނުވަތަ އެންޒައިޓީ މުޅިން ފިލައި ނުދެއެވެ. “ކަލޭ ވަޒީފާއިން ވަކިކުރީމަ، ކަލޭ ދެން އުޅޭނީ ކިހިނެތްހޭ؟ ކަލޭ ހަށިވިއްކާނީތަ؟” މިސުވާލުތައް އަދިވެސް އިވިއިވި ހުރި ފަދައެވެ. އަދި އެހެން ބުނި މީހާވެސް ހަނދާނުގައި އެބަހުއްޓެވެ. އެ މީހާއަށް ނުވިސްނުނީ ﷲ ކޮންމެ އިންސާނަކަށް ވެސް އެމީހެއްގެ އަޖަލު ޖެހުމާ ހަމައަށް ރިޒުޤު ދެއްވާނެކަމެވެ.
އެ އަންހެނާ ފަހުން އެހެން ތަނަކަށް ވަޒީފާ ބަދަލުކޮށްގެން ދުވަސްކޮޅަކު އުޅުނެވެ. އެތަނުން ވަޒީފާއިން ވަކިކުރީ ވަޒީފާ އަދާކުރި ތަނުގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައެވެ. އެހެންވީމާ މީހުންނާ ދިމާލަށް ބަދުބަސްބުނާއިރު ދުލުގެ ބޭނުން ހެޔޮގޮތުގައި ނުކުރެވުނީތީ ބުނިބަސް އެ ރައްދުވީ ޚުދު އޭނާއަށެވެ. އަދި މާ ހުތުރު ކޮށެވެ.
ޕީއެސްއެމް އަކީ ބައެއް މުވައްޒަފުންގެ ސަބަބުން، އަނެއްބައި މުވައްޒަފުންނަށް ވަރަށް އަނިޔާ ލިބިފައިވާ ތަނެކެވެ. ވަރަށް ބޭއިންސާފުން ޢަމަލުކޮށްފައިވާ ތަނެކެވެ. ރުހޭ މީހާ ނުވަތަ ބޯޅަޖަހާ މީހާ ދައްކާ ވާހަކަ ޤަބޫލުކޮށް، ނިކަމެތި މީހާ ނިކަމެތި ކޮށްލާ ތަނެކެވެ. މިކަހަލަ ޕޯސްޓް ޖެހުމަކީ ބައެއް މީހުންނަށް ހުތުރު ކަމަކަށް ވެދާނެއެވެ. އެކަމަކު އަނިޔާގެ ވާހަކައަކީ ދައްކަންޖެހޭ ވާހަކައެކެވެ. މިއަދު އަހަރެން މިވާހަކަ ދައްކައިގެން އަހަރެންނަށް އިންސާފެއް ނުލިބޭނެއެވެ. އަދި ލިބުނު އަނިޔާއަށް ފަރުވާއެއް ވެސް ނުލިބޭނެއެވެ. އެކަމަކު މިހާރުވެސް އެގޮތަށް އަނިޔާ ލިބެމުންދާ ކޮންމެވެސް އެހެން މީހަކަށް އިންސާފު ހޯދުމަށް ޙައްޤު ބަސް ބުނާނެ ހިތްވަރަކަށް ވެދާނެއެވެ.
ވާހަކަތައް ލިޔަމުންދާއިރު ޚުދު އަހަރެން ވެސް ފެންކަޅިވެއްޖެ އެވެ. ޙަޤީޤަތުގައި ވެސް މިއީ ދިރިހުއްޓާ މަރާލުންފަދަ ކަމެއް ނޫންތޯ އެވެ.

ކިޔުންތެރިންގެ ހިޔާލު