ޑްރަގް ބޮޑެއް ދެނެއް ދުލެއް ނުވާނެ، އަބުޗާ ވެސް ޖަލަށް ގެންގޮސްފިން – މިނިސްޓަރ އިހުސާން

މިލައުތުރު | 6 އޮކްޓޯބަރ 2026 | ޚަބަރު

ޑްރަގް ޓްރެފިކިންގެ ކުށް ސާބިތުވެ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް ޕެރޯލް ބޯޑުން ދޫކޮށްލި އަބްދުﷲ އިބްރާހިމް (އަބުޗާ) ގެ ޕެރޯލް ނިންމުން ބާތިލްކޮށް މިއަދު އޭނާ އަނބުރާ ޖަލަށް ގެންގޮސްފިއެވެ.

ޕެރޯލް ބޯޑުން އަބުޗާ މިނިވަންކުރީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށް ވާތީ އެ ނިންމުން ބާތިލްކޮށްފި އެވެ. އޭނާ ޕެރޯލްގެ ދަށުން ދޫކޮށްލީ މި މަހުގެ 1 ވަނަ ދުވަހުއެވެ.

Advertisement

2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގައި ފުލުހުން އައްޑޫގައި ހިންގި އޮޕަރޭޝަނެއްގައި 61 ކިލޯ ޑައިމޯފިނާއި 17.97 ކިލޯ މެޓަމްފެޓަމިން ރެސިމޭޓާ އެކު އަބުޗާ ހިފެހެއްޓީ ކަނޑުމަތީ ޑިންގީއެއްގައި އެ ޑްރަގްތައް އުފުލަމުން ދަނިކޮށެވެ. ފުލުހުންނަށް ފޮރުވަން މަސްތުވާތަކެތި ހުރި ގޯނިތައް ކަނޑަށް އުކާލުމުން، ފުލުހުން ކަނޑަށް ފައިބައިގެން އެ ތަކެތި ވަނީ ނަގާފައެވެ. ފުލުހުންގެ އެ އޮޕަރޭޝަނުގައި އިތުރު 17 މީހަކު ވެސް ހައްޔަރުކުރިއެވެ.

މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދެ ދައުވާއެއް ސާބިތުވެ އޭނާގެ މައްޗަށް އައީ 50 އަހަރުގެ ޖަލު ހުކުމެކެވެ. އެހެން ނަމަވެސް އިއުތިރާފުވުމުން ދިން ލުޔެއްގެ ގޮތުގައި އެ ހުކުމް 25 އަހަރަށް ކުޑަކޮށް 12 އަހަރާއި ހަ މަހުގެ ތިން ހުކުމެއް އިއްވީ މިދިޔަ އަހަރުގެ މެއި މަހުގައެވެ. ކުށުގެ ތުހުމަތުގައި 2020 ގައި ބަންދުކުރީއްސުރެ ޖަލުގައި ހޭދަކުރާތާ އަދި މިވީ ހަ އަހަރެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.