އެމްޑީޕީގެ އަސާސީ އޮނިގަނޑަށް ގެނެވުނު ބަދަލާއެކު އެ ޕާޓީގެ ޤައުމީ މަޖިލިސްގައި ށ. އަތޮޅު ތަމްސީލުކުރުމަށްޓަކައި 4 މެންބަރުން އިންތިޚާބު ކުރުމަށް ހަމަޖެހިފައިވާ އިރު، ކުރިއަށް އޮތް ޤައުމީ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ތިން ފަރާތަކުން ޝައުޤުވެރިކަން ފާޅުކޮށްފި އެވެ.
ށ. އަތޮޅު ތަމްސީލު ކުރުމަށްޓަކައި އެ އިންތިޚާބުގައި ވާދަކުރާނެކަން މިހާތަނަށް އިޢުލާން ކޮށްފައިވަނީ، ފޯކައިދޫ ކައުންސިލްގެ މިހާރުގެ ރައީސް އަޙްމަދު އަންވަރު އާއި، މިލަންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ ކުރީގެ މެންބަރު ޢަލީ ރިޒާ އާއި، ފުނަދޫ ދާއިރާގެ ރައްޔިތުންގެ މަޖިލިސްގެ ކުރީގެ މެންބަރު މުޙައްމަދު ޝާހިދު (ޝާޑު) އެވެ.
ދާއިރާތައް އުވާލުމަށް ފަހު މުޅި އަތޮޅުން ހަތަރު މެންބަރުން އިންތިޚާބު ކުރުމަށް ކަނޑައަޅާފައިވާއިރު، އޭގެ ތެެރެއިން އެއް މެންބަރަކީ އަންހެން މެންބަރެއް ކަމުގައި ވާން ޖެހެއެވެ. އެހެން ކަމުން އަތޮޅު ތަމްސީލުކުރުމަށް ތިބޭނީ 3 ފިރިހެން މެންބަރުންނާއި އެއް އަންހެން މެންބަރެވެ. މީގެ އިތުރުން ކޮންމެ ރަށަކަށް ރައީސުންނާއި، ނައިބު ރައީސުންގެ އިތުރުން ސެކްރެޓަރީ ޖެނެރަލުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
އިންތިޚާބަށް ކުރިމަތިލުމަށް ރަސްމީކޮށް އިޢުލާން ކުރުމަށް ހަމަޖެހިފައިވަނީ 10 އޮކްޓޯބަރު 2026 ގައެވެ. އަދި އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަނޑި އަކީ 25 އޮކްޓޯބަރު 2026 ގެ 14:00 އެވެ. އިންތިޚާބުގެ ވޯޓުލުން އޮންނާނީ 27 ނޮވެމްބަރު 2026 ގައި ކަމުގައި ވެސް ވަނީ ކަނޑައަޅާފައެވެ.

ކިޔުންތެރިންގެ ހިޔާލު