ބޮޑުތިލަދުންމަތީގެ އެންމެ އަގުބޮޑު އެއް ފުޓްސަލް މުބާރާތް ކަމަށްވާ “ރޮލިގަންސް ދޮންދޮން ފުޓްސަލް ޗެލެންޖް 2026” އަންނަ ޑިސެންބަރު 20 ގައި ށ. ފީވަކުގައި ފަށަނީ

ށ. ފީވައް | 23 ނޮވެމްބަރ 2026 | ކުޅިވަރު

ބޮޑުތިލަދުންމަތީގެ އެންމެ އަގުބޮޑު އެއް ފުޓްސަލް މުބާރާތް ކަމަށްވާ “ރޮލިގަންސް ދޮންދޮން ފުޓްސަލް ޗެލެންޖް 2026” އަންނަ ޑިސެންބަރު 20 ގައި ށ. ފީވަކުގައި ފެށުމަށް ތައްޔާރުވެއްޖެއެވެ. ފީވަކުގެ “ރޮލިގަންސް” ޖަމުޢިއްޔާއިން އިންތިޒާމުކުރާ މި މުބާރާތުގައި، ފީވަކުގެ ތިން ޓީމަކާއި ރަށުން ބޭރުގެ ތިން ޓީމު ހިމެނޭހެން ޖުމްލަ ހަ ޓީމަކުން ވާދަކުރެއެވެ. އެއީ ފީވަކުގެ ހޫލިގަން އެސް.ސީ، ހޮޓްޝޮޓް، ލެގެސީ އެފްސީ އަދި ކުޅުދުއްފުށީގެ މަގުލަސް ކްލަބް، މިލަންދޫ އެސް.ސީ އަދި ފޯކައިދޫގެ ބްލަޑް ބްރަދާރސް އެވެ.

ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނަރަޕަށް 20،000 ރުފިޔާގެ ފައިސާގެ އިނާމު ހުށަހަޅާފައިވާ މި މުބާރާތަށް ޓީމުތަކުން އަންނަނީ ފޯރިއާއެކު ތައްޔާރުވަމުންނެވެ.

Advertisement

ރޮލިގަންސް ޖަމުޢިއްޔާއިން އިންތިޒާމުކުރާ ފުޓްސަލް މުބާރާތުގެ ޓީމުތައް ބައިވެރިވުމުގެ މުއްދަތު ހަމަވެފައިވީ ނަމަވެސް، ސްޕޮންސަރ ކުރުމުގެ ފުރުޞަތު ޑިސެންބަރު 5 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މުބާރާތް ސްޕޮންސަރ ކުރުމުގެ ފުރުޞަތު އަންނަ ޑިސެންބަރު މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލެވިފައެވެ. ސްޕޮންސަރަކަށް ވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ޚާއްޞަ ލިންކެއް މެދުވެރިކޮށް ޕްރޮޕޯސަލް ބަލައިލުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. އަދި އިތުރު މަޢުލޫމާތު ސާފުކުރަން ބޭނުންވާ ފަރާތްތަކުން 9151884، 9622791 ނުވަތަ 9196227 މި ނަންބަރުތަކާ ގުޅުމަށް އެ ޖަމުޢިއްޔާއިން އެދެއެވެ.

މި މުބާރާތަށް މަރުޙަބާ ކިޔުމަށް ފީވަކުގެ މުއައްސަސާތަކާއި ރައްޔިތުން ގުޅިގެން ރަށުތެރެ ޒީނަތްތެރިކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާއިރު، އެ ޖަމުޢިއްޔާގެ އަމާޒަކީ މުސްތަޤުބަލުގައި މުޅި ރާއްޖެއަށް މަޝްހޫރު، އެންމެ ފާހަގަކޮށްލެވޭ މުބާރާތްތަކުގެ ތެރޭގައި މި މުބާރާތް ހިމެނުމެވެ.

 

 

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.