ޤައުމީ ޔުނިވާރސިޓީގެ ދަރިވަރުންގެ ޖަމިއްޔާއިން އިންތިޒާމުކުރާ އެންމެ ބޮޑު އެއް ކުޅިވަރު ޙަރަކާތްކަމަށްވާ “ފުޓްސަލް ފިއެސްޓާ” 2024ގެ ޗެމްޕިއަންކަން މިއާންޒް އިންޓަރނޭޝަނަލް ކޮލެޖުން ކާމިޔާބުކޮށްފިއެވެ.
ހުޅުމާލޭ ރެހެންދީ ސްކޫލް ފުޓްސަލް ދަނޑުގައި ރޭގައި އޮތް ފައިނަލް މެޗުގައި ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އެޑިޔުކޭޝަން އާއި ބައްދަލުކުރި މެޗް 3 – 0 ގެ ފުރިހަމަ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ފަޚުރުވެރި ރަންވަނަ ހޯދީ މައިކޮލެޖުންނެވެ.
ފޯރިގަދަ މޮޅު ކުޅުމެއް ފެނިގެންދިޔަ ފައިނަލް މެޗްގައި މޮޅަށް ކުޅެ، މެޗް ޑޮމިނޭޓްކޮށްފައި ވަނީ މައިކޮލުންނެވެ. މެޗުގެ ވަގުތު ހަމަވިއިރު ވެސް ފެކަލްޓީ އޮފް އެޑިޔުކޭޝަނަށް ލަނޑެއް ކާމިޔާބުކުރެވޭ ގޮތެއް ނުވިއެވެ.
މައިކޮލެޖުން ވަނީ 2017 ވަނަ އަހަރު ވެސް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ. އެެހެންކަމުން މިއީ މައިކޮލެޖުން އެމްއެންޔޫ ފުޓްސަލް ފިއެސްޓާ ކާމިޔާބުކުރި ދެވަނަ ފަހަރެވެ. މައިކޮލެޖުގެ ދަރިވަރުންގެ ޖަމިއްޔާ “މިކްސާ” އަކީ އެފަދަ ޖަމިއްޔާތަކުގެ ތެެރެއިން އެންމެ ފާހަގަކޮށްލެވޭ، ޙަރަކާތްތެރި އެއް ޖަމިއްޔާވެސް މެއެވެ.
ފައިނަލް މެޗުގެ ޝަރަފުވެރި މެހެމާނަކީ ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްޢުސްތާޛު ޙުސައިން މުޙައްމަދު ލަޠީފްއެވެ. އަދި ޗެމްޕިއަން ޓީމަށް މެޑަލް އާއި ތަށި ޙަވާލުކޮށްދެއްވީ ވެސް އެމަނިކުފާނެވެ.
މައިކޮލެޖަކީ ދިވެހިރާއްޖޭގައި މަތީ ތަޢުލީމުގެ ޚިދުމަތްދޭ ކޮލެޖުތަކުގެ ތެެރެއިން ފާހަގަކޮށްލެވޭ އެންމެ ކުދިން ގިނަ އެއް ކޮލެޖެވެ. އެ ކޮލެޖުން ކޮންމެ އަހަރަކުވެސް އެތައްހާސް ދަރިވަރުންނެއް ދަސްވެނިވެއެވެ.