މިލައުތުރު

އެންމެން ވެސް ބޭނުމީ ވެރިކަން، ލިބުމުން ރަނގަޅަށް ކުރުމެއް ނެތް!

އެންމެން ވެސް ބޭނުންވަނީ ވެރިކަމަށް ވެފައި، ރައްޔިތުންގެ މައްޗަށް ޢަދުލުވެރި ވެރިކަމެއް ކުރެވޭތަން ނުފެންނަނީ ކީއްވެތޯ ސުވާލު އުފައްދާ މީހުން ރާއްޖޭގައި ގިނަ ވެއްޖެއެވެ. އެހާ ވެރިކަން ކުރާ ހިތުން، އެހާ ގިނަ ގުނަ ވަޢުދުތައް ރައްޔިތުންނަށް  ވުމަށް ފަހުގައި ވެސް ރައްޔިތުންނަށް އޯގާތެރި ވެރިކަމެއް ކުރެވޭތަނެއް ނުފެނެއޭ ނުބުނެވޭ ވަރެއް ނޫނެވެ.

ފަހުގެ ތާރީޚުތަކުގައި ފެންނަ ވެރިކަންތަކުގައި ތަޖުރިބާ ކުރާންޖެހުނު ކަންތައްތަކުގެ ސަބަބުން ވެރިކަމުގެ ނިޒާމުގެ މައްޗަށް އޮތް އިތުބާރު ވެސް ކުޑަ ވެއްޖެއެވެ. އަދި ޒަމާނީ ޑިމޮކްރަސީއެއް ޤާއިމުކުރުމަށް ކުރަމުންދިޔަ އުންމީދާ، ލިބިދާނެ ކަމަށް އުންމީދުކުރި ނަތީޖާ މުޅިން ގެއްލިއްޖެއެވެ.

ކޮންމެ ވެރިޔަކުވެސް އިންތިޚާބަށް ފަހު، ދެން އަވަސްވެގަންނަނީ ރައްޔިތުންނަށް ލިބިފައިއޮތް ބާރުތައް ވެސް އުނިކޮށް އަޅުވެތި ކުރެވޭތޯއެވެ. ދައުރު މެދަށް ނުދަނީސް ދެވަނަ ދައުރަކަށް ކެމްޕެއިން ކުރެއްވުން އެޖެންޑާގެ އެއްމެ މައްޗަށް ޖައްސާލައެވެ. މިހާތަނަށް އެއްވެސް ވެރިޔަކަށް ދެވަނަ ދައުރެއް ދީފައިނެތް ކަމުގައި ވިޔަސް ތަފާތެއް އަދި ނުފެނެއެވެ. ވަޢުދަކާ ވަޢުދެއް، ދައުރަކާ ދައުރެކެވެ.

ވެރިކަންކުރެއްވީ ރަނގަޅަށްތޯ އާއި، ދެވަނަ ދައުރެއް ޙައްޤު މިންވަރަކަށްތޯ ބެލުމަކީ ރައްޔިތުންނަށް އޮތް މުތުލަގު ޙައްޤެއް ކަން ދެނެވަޑައިގެން ވެރިކަން ކުރެއްވި ވެރިޔަކު އެބަ ހުރިތޯއެވެ. ކޮންމެ ބޭފުޅަކު ވެސް ކުރައްވާ ކަމަކީ ރިޔާސީ އިންތިޚާބު ނާކާމިޔާބު ވުމުން އެކަކު އަނެކަކުގެ ބޮލުގައި ބަލިވުމުގެ އިލްޒާމު އެޅުވުމެވެ.

ޙަޤީޤަތުގައި ޕާޓީތައް ބައި ބައި ވަނީ ޚުދު ވެރިމީހާގެ ޢަަމަލުތަކުގެ ސަަބަބުންނެވެ. އެއީ ވަކި މީހަކު ވަކި ކަމެއް ކުރުމުން ފެންނަމުންދާ ނަތީޖާއެއް ނޫނެވެ. އެއީ ޚުދު ވެރިމީހާގެ ޢަމަލުތަކުގެ ސަބަބުން މެދުވެރިވާ ޙާލަތެކެވެ. ވެރިކަމުގެ މައްޗަށް ރައްޔިތުން އިސްކުރެވޭނަމައީ އެއީ ފެންނާނެ ކަންކަމެއް ނޫނެވެ. އަދި އެހެން ބަޔަކު ފެކްޝަން ހަދަން އުޅުނަސް، އެބައެއްގެ ފަހަތުން ދާނެ ރައްޔިތުންތަކެއް ނުތިބީހެވެ.

ދެން އޮތީ އެންމެ ބޮޑު ސުވާލެވެ. ވެރިކަމަށް ކުރިލާނެ މީހުންތައް އެތައް ގުނައަކުން އިތުރުވެއްޖެއެވެ. އެހުރިހާ މީހުންގެ ތެރޭގައި ވެސް ރައްޔިތުންނަށް ޢަދުލުވެރި ވެރިކަމެއް ކޮށްދެވޭނެ މީހަކު އެބަހުރި ތޯއެވެ؟

One Reply to “އެންމެން ވެސް ބޭނުމީ ވެރިކަން، ލިބުމުން ރަނގަޅަށް ކުރުމެއް ނެތް!”

  1. Anonymous

    އަހަރެން ބުނަންއޮތީ ސަންސިޔާމުވެރިކަމަށް ދެންހޮވަންވިއްޔޭ ރައްޔަތުން ވެގެން މީއަހަރެން ދެކޭގޮތް

މި ލިޔުމަށް 48 ގަޑިއިރު ހަމަވެފައި