މިއަހަރުގެ އަޟްހާ ޢީދު މާލެ ސަރަހައްދުގައި ވަރަށް ކުލަގަދަކޮށް ފާހަގަ ކުރަން ނިންމައިފިއެވެ.
އަޟްހާ ޢީދުގެ މުނާސަބަތުގައި ދިވެހި ރާއްޖޭގެ ގައުމީ ދިފާއީ ބާރު(އެމްއެންޑީއެފް) އާއި ދައުލަތުގެ ބައެއް އިދާރާތަކާއި މުއައްސަސާތައް އަދި ކުންފުނިތައް ގުޅިގެން ”ޢީދުހަވީރު 1446“ ގެ ނަމުގައި ވަނީ ގައުމީ ފެންވަރުގައި ކުލަގަދަކޮށް އީދު ފާހަގަކުރަން ނިންމައިފަ އެވެ.
މި ނިންމުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއެކު ނިންމާފައިވާ ނިންމުމެކެވެ.
ޢީދުގެ ހަރަކާތްތަކާ ގުޅޭގޮތުން އެމްއެންޑީއެފުން ބުނީ އަޟްޙާ ޢީދުގެ އުފާ ފާޅުކުރުމުގެ ގޮތުން މާލެއާއި ހުޅުމާލޭގެ ހަތަރު ސަރަހައްދެއްގައި ”ޢީދުހަވީރު 1446″ގެ ހަރަކާތްތައް އަންނަ ހުކުރު ދުވަހުން ފެށިގެން ތިން ދުވަސް ވާންދެން ކުރިއަށްގެންދާނެ ކަމަށެވެ.
އެ އިދާރާއިން ބުނީ ޢީދުގެ އުފާ ފާހަގަ ކުރާ ތިން ދުވަހު، ”ޢީދުހަވީރު 1446″ގެ ހަރަކާތްތައް ކޮންމެ ދުވަހެއްގެ ހަވީރު 16:00އިން 18:00އަށް ކުރިޔަށް ގެންދާނެ ކަމަށެވެ. އަދި، ރޭގަނޑު ބައެއް ސްޓޯލްތައް، ރޭގަނޑު 20:30އިން ފެށިގެން ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.
މިފަހަރު ކުލަގަކޮށް ފާހަގަ ކުރާ ޢީދުގެ ހަރަކާތްތައް އޮންނާނީ، މާލޭގައި ސަލްޓަން ޕާކާއި، ޖުމްހޫރީ މައިދާނުގެ އިތުރުން ހުޅުމާލޭގެ ސެންޓްރަލް ޕާކާއި، ހުޅުމާލޭ ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގަ އެވެ.
ތިން ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ޢީދުގެ ހަރަކާތްތައް އިންތިޒާމްކޮށްފައި ވަނީ ސްޓޯލްތަކުން ވީހާ ވެސް ގިނަ ބަޔަކަށް ބައިވެރިވެވޭނޭ ގޮތަށް، އަދި އެކި އުމުރުފުރާގެ ކުދިންނާއި މީހުން ވެސް ޝައުގުވެރިވާނެހެން ތަފާތު ހަރަކާތްތަކާ ކުޅިވަރުތައް ހިމަނައިގެން ކަމަށް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ. އެގޮތުން، މި ހަރަކާތްތަކުގައި، ރާއްޖޭގެ އިހުގެ ސަޤާފަތާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ސްޓޯލްތަކުން ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށާއި އަދި ޒަމާނީ ކެރެކްޓާތައް ފިއުޝަންގޮތަށް ވެސް ދައްކާލުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.