ސަރުކާރުން އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކަށް ދިމާވެފައިވާ ކަރަންޓު މައްސަލަ ހައްލުކުރަން އެ ސިޓީ ހިތަދޫގައި ގާއިމުކުރާ ސެންޓްރަލް ޕަވާ ސްޓޭޝަން ޕްރޮޖެކްޓު ހަވާލުކުރި ކުންފުނި ގެއްލިއެއްޖެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޑެފިނިޓް ސޮލިއުޝަންސް ނަމަކަށް ކިޔާ މި ކުންފުންޏަކީ ވެބްސައިޓެއްހާ ހިސާބު ވެސް ނެތް ކުންފުންޏެކެވެ. މި ކުންފުންޏަކީ ކޮބައިތޯ ދެނެގަތުމަށް ނޫސްވެރިންނާއި އައްޑޫގެ
ބައެއް ރައްޔިތުން އެކި މަސައްކަތްތައް ކޮށް އެކަން ނާކާމިޔާބު ވެފައިވާކަން ފާހަގަ ކުރެވެއެވެ.
މި ކުންފުންޏާ ބެހޭ މައުލޫމާތު ހޯދަނީ މިއީ ސަރުކާރުން އެތައް މިނިއަން ޑޮލަރެއްގެ ޕްރޮޖެކްޓެއް ހަވާލުކޮށްފައިވާ ކުންފުންޏަކަށް ވާތީއެވެ. އަދި އައްޑޫގެ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް އެ ސިޓީގެ ރައްޔިތުން އެތައް އަހަރެއް ވަންދެން އާދޭސްކުރަމުންދާއިރު މިއީ އައްޑޫއަށް އެހާމެ ބޭނުން އަދި ދާއިމީ ހައްލެއް ހޯދަން ޖެހިފައިވާ މައްސަލައަކަށް ވާތީއެވެ.
މި ސަރުކާރު އައިފަހުން އައްޑޫގައި އަދި އެއްވެސް ޕްރޮޖެކްޓެއް ހިންގާފައި ނުވާއިރު ކުރީ ސަރުކާރުން ހިންގަމުން އައި ޕްރޮޖެކްޓުތައްވެސް މި ސަރުކާރުން ހުއްޓުވާފައިވާކަން ފާހަގަ ކުރެވެއެވެ. އަދި ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ކަމަށް ބުނެ މިފަދަ ބޮޑު ޕްރޮޖެކްޓެއް އައްޑޫގައި ގާއިމުކުރުމަށް ބަޔަކާ ހަވާލުކުރުމުން އެ ކުންފުންޏަކީ މިކަމަށް ގާބިލު ކުންފުންޏެއްތޯ ބަލަން އައްޑޫގެ ރައްޔިތުން ބޭނުންވެއެވެ. ސަބަބަކީ މިހާތަނަށް އައްޑޫއަށް ވެފައިވާ
އެއްވެސް ވައުދެއް ފުއްދިފައި ނުވާއިރު މަތިމަތިން މިފަދަ ޕްރޮޖެކްޓުތައް އެކި ފަރާތްތަކާ ހަވާލުކުރަމުންދާކަން ފާހަގަ ކުރެވެއެވެ.
ކިޔުންތެރިންގެ ހިޔާލު