މަޖިލީހުން ފާސްކުރި މީޑިއާ ކޮންޓްރޯލް ބިލަކީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަން ނިމުމަކަށް އައުމުގެ ނިޝާނެއް ކަމަށް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
މި ބިލު ފާސްކުރުމާ ގުޅިގެން ރައީސް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ހިތާމަވެރި ދުވަހެއް ކަމަށެވެ. އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު، އެމަނިކުފާނުގެ ޕާޓީއަށް މަޖިލީހުގައި ލިބިފައިވާ ސުޕާ މެޖޯރިޓީގެ ބޭނުންކޮށްގެން ފާސްކުރި މީޑިއާ ކޮންޓްރޯލް ބިލަކީ ރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ނިމުމަކަށް އައުމުގެ ނިޝާނެއް ކަމަށް އިބޫ ވިދާޅުވިއެވެ.
މިއީ މީޑިއާ ރެގިއުލޭޓް ކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލެކެވެ. “މީޑީއާ ކޮންޓްރޯލްކުރާ ބިލް” މަޖިލީހުން ފާސްކޮށްފައި ވަނީ މިރޭގައެވެ. އެގޮތުން ދައުރުން ބޭރުގައި ބޭއްވި މަޖިލީހުގެ ޖަލްސާއެއްގައި މި ބިލު ފާސްކުރީ 60 މެމްބަރުންގެ ވޯޓާއެކު އެވެ.
މި ބިލު ފާސްކުރުމާ ގުޅިގެން ނޫސްވެރިންނާއި، އިދިކޮޅު ޕާޓީތަކާއި، މީޑިއާ ޖަމްޢިއްޔާތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި އަދި އާންމު ރައްޔިތުން ދަނީ އިހުތިޖާޖު ކުރަމުންނެވެ. ނަމަވެސް، މި ބިލު މަޖިލީހުން ފާސްކުރި ގޮތުން، ރައްޔިތުންގެ ޑިމޮކްރެޓިކް ޙައްޤުތަކަށް ސަރުކާރުން ބެހެއްޓި އިޙްތިރާމް ކުޑަކަން ހާމަވެގެން ގޮސްފައިވާ ކަމަށްވެސް ރައީސް އިބޫ ވިދާޅުވި އެވެ.
ކިޔުންތެރިންގެ ހިޔާލު