މި ހިނގާ ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހަކީ މުޅި އިސްލާމީ އުންމަތް ސިއްސުވާލި ދުވަހެކެވެ. އިޒްރޭލުން ޤަތަރުގެ ވެރިރަށް ދޯހާއަށް ވައިގެ ޙަމަލާތަކެއް ދީ 6 މީހުން ޝަހީދުކޮށްލި ހިތާމަވެރި ދުވަހެވެ.
އެ ދުވަހުން ފެށިގެން ވެސް މުސްލިމް އުންމަތުގެ އުންމީދަކަށްވީ އެކަށީގެންވާ ވަރުގެ ރައްދެއް ދިނުންކަމުގައި އޮތީ ވެފައެވެ. އަދި އެކަމަށް އިސްލާމީ ޤައުމުތަކުގެ ވެރިންގެ ބައިވެރިވުމާ އެހީތެރިކަން ވެސް ލިބޭނެ ކަމަށް ގިނަ ބަޔަކަށް ޤަބޫލުކުރެވުނެވެ. އެހެން ނަމަވެސް، ކަން ހިނގާދިޔައީ އުންމީދުކުރި ގޮތާ މުޅިން ޚިލާފަށެވެ. ފުލު ފުލުގައި ސައްލާތައް ބާއްވައި، ކޭންތައް ފަރިއްކުޅުއްވުން ނޫންކަމެއް ކުރެވޭތަނެއް ނުފެނެއެވެ. ޙަމަލާއަށް އައްޑުވަސް ވެއްޖެ އެވެ. މީހުންގެ ޖަޒުބާތުތައް މައިތިރި ވެއްޖެ އެވެ. އުންމީދު ފަނޑުވެ ނިމިއްޖެ އެވެ. އިތުރަށް ހާމަވެގެންދިޔަ ކަމަކީ އިސްލާމީ ދައުލަތްތައް އަޅުވެތިވެފައިވާ މިންވަރުގެ ބޮޑު ކަމެވެ.
2025 ޖޫން 13 ވީ ހުކުރު ދުވަހުގެ ރޭ ފަތިހު އީރާނަށް ވައިގެ ޙަމަލާތަކެއް ދީ މުޅި ދިފާއީ ނިޒާމް ފުނޑު ފުނޑު ކޮށްލާ، ސިފައިންގެ އެންމެ އިސް ވެރިންތައް ޝަހީދު ކޮށްލިއެވެ. އެހެން ނަމަވެސް ޙަމަލާއަށް 48 ގަޑީއިރު ވުމުގެ ކުރިން ރައްދުގައި އިޒްރޭލްގެ ވެރިރަށް ތަލްއަވީވަށް ޙަމާދިނެވެ. އަދި 12 ދުވަހަށް ދެމިގެންދިޔަ ހަނގުރާމައެއް ކުރިއެވެ. ދުނިޔޭގެ އެންމެ ބޮޑު ބާރު ކަމަށްވާ އެމެރިކާ އާއި ދެކޮޅަށެވެ. އެހެން ނަމަވެސް އެމީހުންގެ ޤައުމުގެ ޢިއްޒަތާއި އިސްތިޤުލާލާއި ކަރާމާތް ދެމެހެއްޓުމަށްޓަކައެވެ. އެންމެ ފަހުން އިޒްރޭލަށް ވެސް ޖެހުނީ ޙަމަލާ ބަދަލުކުރުން ހުއްޓާލާށެވެ. މުޅި ދުނިޔެ ޤަބޫލުކުރާ ގޮތުގައި ހަނގުރާމަ ކާމިޔާބުކުރީ އީރާނެވެ.
ގަލްފުގެ ގިނަ ޤައުމުތަކުގެ އަސްކަރީ ބާރުގެ މިނިވަންކަން އޮތީ ގެއްލިފައޭ ބުނެވިދާނެއެވެ. ދުނިޔޭގެ އެންމެ ބޮޑު ބާރު ކަމަށްވާ އެމެރިކާގެ އަތްދަށުވެފައެވެ. އެމެރިކާގެ އަސްކަރީ ވައިގެ މަރުކަޒެއް ނެތް ޤައުމެއް ނެތެވެ. އެހެންކަމުން އެެމެރިކާގެ ދަރިއެއް ކަމަށްވާ އިޒްރޭލަށް ޙަމަލާއެއް ދެވޭނެ ހިތްވަރެއް ނެތެވެ. ޚުދު ޤަތަރަށް ވެސް ކުރިމަތިވީ މި މައްސަލައެވެ. ޤަތަރުން ރައްދު ޙަމަލާއެއް ދީފާނެކަމަށް ހީވުމާއެކު އެމެރިކާގެ ރައީސް ޤަތަރުގެ އަމީރަށް ފޯނުން ގުޅުއްވިއެވެ. އިތުރު ޙަމަލާއެއް ނުދޭނެ ކަމުގެ ޔަޤީންކަން އެރުވިއެވެ. ޙަޤީޤަތުގައި އެމެރިކާގެ ރައީސް އެ ދެއްްވީ އިންޒާރެކެވެ. ރައްދުގައި ޙަމަލާ ދީފިނަމަ، އެމެރިކާއިން އިޒްރޭލް ދިފާޢުކުރާނެ ކަމުގެ އިންޒާރެެވެ. ޤަތަރަށް އިތުރު ގޮތެއް ނެތެވެ. އެހެންކަމުން ދުނިޔޭގެ ލަދަށް ކުރާ ކަމެއްގެ ގޮތުގައި އަރަބި ވެރިންގެ މަޝްވަރާ ބައްދަލުވުމަކަށް ގޮވާލިއެވެ.
ކިޔުންތެރިންގެ ހިޔާލު