ދުރުވިސްނުމުގެ ސިޔާސަތެއް ނެތް: މުދައްރިސުން ނުލިބުމުގެ މައްސަލަ ބޮޑު ކާރިޘާއަކަށް ވެފައި.

މިލައުތުރު | 24 ސެޕްޓެމްބަރ 2025 | ރިޕޯޓު

ދިވެހިރާއްޖެއަށް މިހާރު ކުރިމަތިވެފައި މިވަނީ ޓީޗަރުން ނުލިބުމުގެ ބޮޑު ކާރިސާއެކެވެ. ފާއިތުވިތަނުގައި މުދައްރިސުންގެ ދުޅަހެޔޮކަމާއި ވަޒީފާގެ ކަށަވަރުކަމަށް އެއްވެސް ފަރުވާލެއް ނުބެހެއްޓުމާއި، މުދައްރިސުން ތަމްރީނުކުރުމަށް ގައުމީ ފެންވަރުގައި އެކަށީގެންވާ މަސައްކަތެއް ކުރެވެމުންދާތަނެއް ނުފެނެއެވެ.

ތަޢުލީމީ ދާއިރާގައި ކުރިންތިބި އެންމެ ރަނގަޅު އަދި ހުނަރުވެރި މުދައްރިސުން ދާއިރާ ދޫކޮށް އެހެން ދިމަދިމާލަށް ބަދަލުވެއްޖެ އެވެ. މިއީ ވެސް ކަންބޮޑުވުމެއް އޮތް ކަމެއްގެ ގޮތުގައި ތަޢުލީމާބެހޭ ވުޒާރާ އާއި އިދާރާތަކަކަށް ނުވި އެވެ. ދިރިއުޅުމުގެ އަގުތަކާއި، ދިވެހިންގެ ދިރިއުޅުމުގެ ވައްޓަފާޅިއާއި، ދިވެހިރާއްޖޭގައި މީހުން ދިރިއުޅޭ ރަށްތައް އެތުރިފައިވާ ގޮތަށް ރިޢާޔަތްކޮށް ފަސޭހައިން މުދައްރިސްކަން ކިޔެވޭގޮތްތައް ފަހިކޮށްދެވިފައެއް ނުވެއެވެ. އަދި ސްކޫލްތައް ނިންމާފައި ނުކުންނަ ދަރިވަރުންނަށް މުދައްރިސްކަން ކިޔެވުމަށް ޝައުޤުވެރި ކުރުމަށް ބާރުއަޅާ މިންވަރުކުޑައެވެ. ނަތީޖާއަކީ 2023 ވަނަ އަހަރު ނިމުނުއިރު އުގެނުމުގައި ޚާއްސައެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭން ބޭނުންވާ 600 މުދައްރިސުން ނެތި އެފަދަ ދަރިވަރުން ބާކީވެފައި ތިބެންވަނީ ޖެހިފައެވެ.

Advertisement

ރާއްޖޭގެ ސްކޫލްތަކުގައި ތިބި އުގެނުމުގަ ހާއްސައެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސުން ނެތުމުގެ މައްސަލަ ކުރިމަތިވެ، އެއްވެސް ތަމްރީނެއް ލިބިފައިނެތް ފަރާތްތަކެއް ހާއްސައެހީތެރިކަން ބޭނުންވާ ދަރިވަރުންނަށް ކިޔަވައިދިނުމަށް ބޭނުންކުރުމަށްވުރެ، އެދާއިރާއިން 1 އަހަރު ދުވަހުގެ ޑިޕްލޮމާއަކާއެކު ތަމްރީނުވެ ތައުލީމީ ދާއިރާއަށް އަންނަ މުދައްރިސެއް ވެސް ރަގަޅު ވާނެ ނޫންތޯއެވެ. އެފަރާތްތަކަށް ޖެހޭނީ ޑިގްރީ ފުރިހަމަ ކުރުމަށް ބާރުއަޅާ އިތުރަށް އެހީތެރިކަން ދޭން ނޫންތޯ އެވެ. އަހަރު ދުވަހުގެ ޑިޕްލޮމާއާއެކު ޓީޗިންގ ކެރިއަރު ފެށި އެތައް މުދައްރިސުންނާއި ފަންނީ އެތައް ބަޔަކު މިގައުމުގައި ތިބޭނެ އެވެ. އެއީ ދަށްބައެކޭ ނުބުނެވޭ ވަރުގެ މޮޅު މުދައްރިސުން އޭގެތެރެއިން ފާހަގަކުރެވިގެން ދިޔައެވެ.

މުދައްރިސުންގެ ޖޮބް މެޓްރިކްސްގައި ލެވެލް 5 ގެ ޑިޕްލޮމާ (1 އަހަރުގެ) ސެޓްފިކެޓަކަށް ސެން ކުލާސްތަކުގައި ކިޔަވައިދޭނެ މުދައްރިސެއްގެ ދާއިމީ ވަޒީފާ ހަމަޖައްސައިދޭނެ ކަމަށް ހިމަނާފައި ވެއެވެ. މި އޮނިގަނޑަށް ފެތޭ ގޮތަށް މުދައްރިސުން ތަމްރީން ކުރަންވީ ނޫންތޯއެވެ.

ސްކޫލްތަކުގައި ކިޔަވައިދޭ މުދައްރިސުންގެ އަތުގައި ފުރަތަމަ ޑިގްރީގެ ފެންވަރުގެ ސަނަދެއް އޮތުން މުހިއްމުވީ ނަމަވެސް، ސްކޫލެއްގައި ކިޔަވައިދެވޭނީ ހަމައެކަނި 3 ނުވަތަ 4 އަހަރުގެ ސަނަދެއް ހޯދުމަށްފަހު ކަމުގައި ކަނޑައެޅުމަކީ ރާއްޖޭގެ ޙާލަތާ ނުބައްދަލު ސިޔާސަތެކެވެ. މިއީ މުދައްރިސުން ލިބުމަށް ދިމާވެފައިވާ ގޮންޖެހުން ޙައްލު ކުރުމަށް ބައެއް ގައުމުތަކުގައި އަމަލުކުރާ އުސޫލެއް ވެސް ނޫނެވެ.

މިފަދަ ވިސްނުންތައް ކުރިއަށް ނެރެ އެއަށް އަމަލުކުރުމަކީ ރާއްޖޭގައި މިއޮތް މުދައްރިސުން މަދުވުމުގެ ހާލަތު ޙައްލުނުވެ ދިގުލައިގެން ދާނެ ކަމަކަށް ވެދާނެއެވެ.

މުދައްރިސަކަށް ވުމަށް ވެސް އެތައް މަގެއް (ޕާތުވޭއެއް) އިޚުތިޔާރު ކުރެވިދާނެއެވެ. މިސާލަކަށް އިނގިރޭސި ވިލާތުގައި މުދައްރިސުން ތަމްރީނުކުރާ ޕާތުވޭތައް ފުދެއެވެ. ދިވެހިރާއްޖޭއަށް ކުރިމަތިވެފައިވާ މުދައްރިސުން ލިބުމުގެ ދަތިކަން ފިލުވުމަށް ތަފާތު ޕާތުވޭތައް ތަޢާރަފްކޮށް، މުދައްރިސުންނަށް މުޖުތަމަޢުގައި ދެވޭ އިޙްތިރާމާއި ގަދަރު ދޭންޖެހެއެވެ. ކުރިން އޮތް ފަދައިން މުދައްރިސުންދެކެ ލޯބިވާ މުޖުތަމަޢެއް ދަމަހައްޓާން ޖެހެއެވެ. ޑިޕްލޮމާ ފެންވަރުގެ ސަނަދާއެކު ވެސް މިދާއިރާއަށް މަރުޙަބާ ކިއުމާއެކު ކުރިއަށްދިއުމަށް ބާރުއަޅައި ޝައުޤުވެރިކަން އިތުރު ކުރާންޖެހެއެވެ. މިއީ ސިޔާސީ ގޮތުން މަމޮޅޭކަން ދެއްކުމަށް ވުރެ ހައްސާސް އަދި ޤައުމީ މައްސަލައެކެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.