ށ. އަތޮޅުގެ ފަޅުރަށެއް ކަމަށްވާ މަޑިކުރެއްދޫ އަކީ ދަނޑުވެރިކަން ކުރުމަށް ކުރިން އެފްޑަބުލިޔޫ ކުންފުންޏަށް ދީފައިއޮތް އަދި އެއްބަސްވުމުގެ މުއްދަތު ހަމަވުމުން ދަނޑުވެރިކަމާބެހޭ ވުޒާރާއަށް ނަގާފައިވާ ރަށެކެވެ.
ކުރިން އެ ރަށް ކުއްޔަށް ދީފައިވާ ކުންފުނީގެ ފަރާތުން ރަށް ބެލެހެއްޓުމަށް ޙަވާލުކޮށްފައިވަނީ ށ. ފޯކައިދޫ، ނިޝާން، މުޙައްމަދު އަބްދުއްރަޙްމާނާ އެވެ. އަދި އެއްބަސްވުމުގެ މުއްދަތު ހަަމަވުމުން ވެސް ދަނޑުވެރިކަމާބެހޭ ވުޒާރާއިން އިރުޝާދެއް ލިބެންދެން އޭނާގެ މީހުން އެރަށުގައި ބޭތިއްބި އެވެ. އަދި ރަށް ބެލެހެއްޓުމުގެ އިތުރުން ރުއްއެރުން ފަދަ އިޤްތިޞާދީ މަސައްކަތްތައް ވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.
ނަމަވެސް ކުއްލިއަކަށް އަތޮޅު ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔަންޓޭ) ފޯނުން ގުޅުއްވައި އެރަށުން ފޭބުމަށް އަމުރު ކުރެއްވި އެވެ. ސަބަބަކަށް ވިދާޅުވީ، އެރަށް ދިގު މުއްދަތަކަށް އެހެން ފަރާތަކަށް ކުއްޔަށް ދީފައިވާކަން އަތޮޅު ކައުންސިލަށް އަންގަވާފައިވުމެވެ. އަދި ކުއްޔަށް ގެނި ފަރާތުން އެރަށް ބެލެހެއްޓުން ށ. އަތޮޅު ފީވަކު މީހަކާ ޙަވާލުކޮށްފައި ވާކަމަށާއި، އޭނާ އާއި ގުޅިގެން ނޫނީ އެއްވެސް ކަމެއް ނުކުރުމަށް ވެސް އަމުރު ކުރެއްވި އެވެ.
އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވިފަދަ ނިންމެވުމެއް ނިންމަވާފައި ވޭތޯ ބެލުމަށް މުޙައްމަދު އަބްދުއްްރަޙްމާންގެ ފަރާތުން 18 އޮގަސްޓް 2025 ގައި ދަނޑުވެރިކަމާބެހޭ ވުޒާރާއަށް ސިޓީއެއް ފޮނުވާފައި ވެއެވެ. އެ ސިޓީގެ ޖަވާބުގައި ވަނީ، ށ. މަޑިކުރެއްދޫ އަކީ 14 އޭޕްރީލް 2024 އިން ފެށިގެން އެ ވުޒާރާގެ ބެލުމުގެ ދަށުގައިވާ ފަޅު ރަށެއް ކަމަށާއި، ދަނޑުވެރިކަމަށް ފަޅު ރަށް ދޫކުރުމާބެހޭ ޤަވައިދުގައިވާ ގޮތުން ފަޅު ރަށެއް ދޫކުރެވޭނީ ވަރުވާއަށް ނުވަތަ ކުއްޔަށް ކަމަށްވާތީ، ރަށް ބެލެހެއްޓުމަށް އެއްވެސް ފަރާތަކާއި ޙަވާލުކުރުމުގެ އިޚުތިޔާރު އެ ވުޒާރާއަށް ވެސް ނެތް ކަމަށެވެ.
އަތޮޅު ކައުންސިލްގެ ރައީސްގެ އިރުޝާދުގެ ދަށުން ފީވަކު މަނިކު ނަމަކަށް ކިޔާ މީހަކު މީހުން ފޮނުވައިގެން ށ. މަޑިކުރެއްދޫގައި މަސައްކަތް ފަށާފައިވަނީ ކޮން އުޞޫލަކުންތޯ ސާފުކުރުމަށް، މުޙައްމަދު އަބްދުއްރަޙްމާންގެ ފަރާތުން 25 އޮގަސްޓް 2025 ގައި އަތޮޅު ކައުންސިލަށް ސިޓީއެއް ފޮނުވާފައި ވެއެވެ. މި ސިޓީގެ ޖަވާބުގައި އަތޮޅު ކައުންސިލްގެ ރައީސްގެ ރާގު ވަނީ މުޅިން ބަދަލުކުރައްވާފައެވެ. ފޯނުން ވިދާޅުވި އެއްޗަކާއި ލިޔުމުން ވިދާޅުވި އެއްޗަކާ އުޑާ ބިމާހާ ތަފާތެވެ.
އަތޮޅު ކައުންސިލްގެ ޖަވާބުގައި ވަނީ ޚުދު އެ ކައުންސިލުން އެދުމުން ވެސް ދަނޑުވެރިކަމާބެހޭ ވުޒާރާއިން އެ ރަށް ޙަވާލުކުރެވެން ނެތް ކަމަށް އަންގަވާފައިވާ ކަމަށެވެ. އަދި އެ ރަށުގައި އެއްވެސް ބަޔަކު މަސައްކަތް ކުރޭތޯ ނޫންތޯ އަތޮޅު ކައުންސިިލުން ބައްލަވަމުން ގެންދަވާ ކަމަށެވެ. އެހެންކަމުން ހަމަ ރަނގަޅަށް ވެސް އަތޮޅު ކައުންސިލުން މިކަމުގައި މީހަކަށް އޮޅުވާލުންތަކެއް އޮޅުވާލައިފި އެވެ. އަދި ގޮތްނޭނގޭ ކަންތައްތަކެއް ހިނގާފައިވާ ކަމަށް ބެލެވޭނެ ފުރުޞަތު އެބަ އޮތެވެ. އެހެނީ އަތޮޅު ކައުންސިލްގެ ރައީސް ވިދާޅުވި ފަދައިން އެ ރަށުގައި އެބުނާ މަނިކު ގެންދަނީ މަސައްކަތް ކުރަމުންނެވެ. ނޭނގޭ ކަމަކީ އޭނާ މަސައްކަތް އެކުރަނީ ކޮން އުޞޫލަކުން ކޮން ފަރާތެއްގެ ހުއްދަ ލިބިގެން ކަމެވެ. މިއީ ކޮންމެވެސް ފަރާތަކުން ޖަވާބުދާރީ ވާން ޖެހޭ ކަމެއް ނޫންތޯއެވެ.
ނޯޓް: މިކަމާބެހޭ ގޮތުން ށ. ފޯކައިދޫ ނިޝާން، މުޙައްމަދު އަބްދުއްރަޙްމާންގެ ފަރާތުން ދަނޑުވެރިކަމާބެހޭ ވުޒާރާގެ އިތުރުން އަތޮޅު ކައުންސިލަށް ފޮނުވާފައިވާ ހުރިހާ ސިޓީތަކާއި ޖަވާބުތަކުގެ ކޮޕީ މި ނޫހަށް ވަނީ ލިބިފައެވެ.
ކިޔުންތެރިންގެ ހިޔާލު