ރައީސް މުއިއްޒު އިއްވެވީ ނަނާ ހުވަފެނެއް ފަދަ ބަޔާނެއް: އެމްޑީޕީގެ ރައީސް

ޝާން މުޙައްމަދު | 5 ފެބްރުއަރީ 2026 | ޚަބަރު

ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއްވެވި ބަޔާނަކީ ނަނާ ހުވަފެނެއް ފަދަ ބަޔާނެއް ކަމަށް އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މީސް މީޑިޔާ ޕްލެޓްފޯމް، އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ރައީސް މުއިއްޒު އިއްވެވި ތިން ވަނަ ރިޔާސީ ބަޔާންވެސް ފާހަގަވެގެން މިދިޔައީ، ފާއިތުވެދިޔަ ދެ ރިޔާސީ ބަޔާނެކޭ އެއްފަދަ، އަވާމެންދުރެއް ފަދަ ރިޔާސީ ބަޔާނެއްގެ ގޮތުގައި ކަމަށެވެ. އެގޮތުން މިއަދުގެ ރިޔާސީ ބަޔާން އޮތީ، އިންތިޚާބެއް ބޯމަތިވެފައި އޮތީތީ ރައްޔިތުންނަށް ދެއްކެވި ނަނާ ހުވަފެނެއްގެ ގޮތުގައި ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

“ފާއިތުވެދިޔަ ދެ އަހަރުގެ ރިޔާސީ ބަޔާނުގައި ވަޢުދު ވެވަޑައިގެންނެވި އެއްވެސް ކަމެއް ކުރެވިފައި ނެތްއިރު އެ ވަޢުދުތައް ވަޅުލައި ކަފުންކޮށްފައި، އިތުރު ދޮގުތަކެއް ރައްޔިތުންގެ ކުރިމަތީ ހާމަ ކުރެއްވުމަކީ ރައްޔިތުން އަގެއްނެތް ބަޔަކަށް ހެއްދެވުން،” އެމްޑީޕީގެ ރައީސް ވިދާޅުވި އެވެ.

މި ބަޔާނާ ގުޅިގެން ޝާހިދު ވިދާޅުވީ މިއަދުގެ ޙަޤީޤަތަކީ ފަތު އަޑުކިޔާފައި ތަކެތީގެ އަގު އުފުލެމުން ދިއުން ކަމަށާއި އަދި ޑޮލަރުގެ އަގު އަތް ނުފޯރާފަށަށް އުފުލި، ވިޔަފާރިތައް އިނދަޖެހި، އިޤްތިޞާދު ފާލުން ނެއްޓި، މުޅި ޤައުމަށް ކުރިމަތިވެފައިވާ ގިލަންވެރިކަމަށް އެއްވެސް ހަލެއް ފެންނަން ނެތުން ކަމަށެވެ.

ރައްޔިތުންގެ އުދާސްތަކަށް ތަސައްލީއެއް ނުލިބޭ ކަމަށް ޝާހިދު ވިދާޅުވިއެވެ. އަދި ރިޔާސީ ބަޔާނުން ރައްޔިތުންގެ އުދާސްތަކަށް ތަސައްލީއެއް ލިބުމުގެ ބަދަލުގައި ލިބުނީ ނާއުއްމީދާއި މާޔޫސްކަން ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ރިޔާސީ ބަޔާނަށް ދޮގުބަޔާނޭ ރައްޔިތުން ކިޔަން ފަށާފައިވާ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.