ބަރަކާ ޗެރިޓީގެ ހިލޭ އެހީގައި ފޯކައިދޫ ސްކޫލުގައި ތަރައްޤީކުރި ކޮމްޕިއުޓަރ ލެބް އިއްޔެ ހަވީރު ހުޅުވައިފި އެވެ.
މި ކޮމްޕިއުޓަރ ލެބް ރަސްމީކޮށް ހުޅުވައިދެއްވީ އެކަމަށްޓަކައި ފޯކައިދޫ ސްކޫލުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ސުވިސް ބަރަކާ ޗެރިޓީގެ ސީއީއޯ މުޙައްމަދު އަޙްމަދު އަޖާމީ އެވެ. މި ކޮމްޕިއުޓަރ ލެބް ރަސްމީކޮށް ސްކޫލާ ޙަވާލުކޮށްދެއްވީ ބަރަކާ ޗެރިޓީ މޯލްޑިވްސްގެ ރައީސް އަޙްމަދު ޒަކީ އެވެ. އަދި ލެބާއި ޙަވާލުވީ ފޯކައިދޫ ސްކޫލްގެ ޕްރިންސިޕަލް މުޙައްމަދު ޝަމީމް އެވެ. މި ރަސްމިއްޔާތުގައި ގިނަ އަދަދެއްގެ ސްކޫލް ކުދިންނާއި ބެލެނިވެރިން ބައިވެރިވެފައި ވެއެވެ.
މި ލެބަކީ ޒަމާނީ ފެންވަރަށް، ވަރަށް ފުރިހަމައަށް ތަރައްޤީކޮށްފައިވާ ކޮމްޕިއުޓަރ ލެބެކެވެ. މިއީ ކިޔަވާ ކުދިންނަށް ފަސޭހަވާނެ ގޮތަށް އިންޓީރިއާ ފަރުމާކޮށް، އައު ފަރުނީޗަރާއެކު 12 ކޮމްޕިއުޓަރ ސިސްޓަމް ހިމެނޭ ލެބެކެވެ. އަދި މީގެ އިތުރުން ކޮމްޕިއުޓަރ ނެޓްވޯކް އަޅައި، ޓީވީ ހަރުކޮށް އޭސީ ކުރެވިފައި ވެއެވެ.
ކޮމްޕިއުޓަރ ލެބް ހުޅުވުމުގެ ރަސްމިއްޔާތަށް ފަހު، ބަރަކާ ޗެރިޓީގެ ފަރާތުން ފޯކައިދޫގެ ގެތަކަށް ފުޑް ޕެކް ބެހުމުގެ އިތުރުން ބަރަކާ ފަންޑުން 100 ފަރާތަކަށް ފައިސާގެ އެހީ ބަހާފައި ވެއެވެ.
ބަރަކާ ޗެރިޓީއަކީ ދުނިޔޭގެ 87 ޤައުމެއްގައި ޗެރިޓީގެ ތަފާތު ހަރަކާތްތައް ހިންގާ ބައިނަލްއަޤުވާމީ މަދަނީ ޖަމިއްޔާއެކެވެ. އަދި އެންމެ ބޮޑަށް ފާހަގަކުރެވެނީ ފަލަސްޠީނުގެ ޣައްޒާއަށް ވަރަށް ދީލަތި އެހީތައް ވެދެެއްވާ ޖަމާޢަތެއްގެ ގޮތުގައެވެ. އެގޮތުން ޣައްޒާގައި ބަރަކާ ޗެރިޓީގެ ސްކޫލަކާއި، ހޮސްޕިޓަލެއް ހިންގުމުގެ އިތުރުން ކާބޯތަކެތީގެ ގިނަ އެހީތައް ގެންދަނީ ފޯރުކޮށްދެމުންނެވެ.
ބަރަކާ ޗެރިޓީގެ ފަރާތުން މިދިޔަ އަހަރު ވެސް ވަނީ ބޮޑެތި މަޝްރޫއުތަކެއް ހިންގާފައެވެ. އެގޮތުން މާލެ އަތޮޅު ގުޅީ ސިއްޙީމަރުކަޒުގައި ޒަމާނީ މެޑިކަލް ލެބެއް ތަރައްޤީކޮށްފައި ވެއެވެ. އަދި މާލެ އަތޮޅު ހިންމަފުށީ ސްކޫލަށް 8 ކްލާސް ރޫަމަށް ބޭނުންވާ ފަރުނީޗަރު ހަދިޔާ ކުރުމުގެ އިތުރުން ކޮމްޕިއުޓަރ ލެބުގައި ކާޕެޓު އަޅައިދީފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު