ޕީއެންއެފްގެ އެކްޓިވިސްޓް އަޙްމަދު ފާއިޒްގެ މައްޗަށް ކުރަނީ ސިޔާސީ ކުލަޖެހިފައިވާ ސިޔާސީ ދައުވާއެއް ކަމަށް ދިވެހިރާއްޖޭގެ ކުރީގެ އުއްތަމަފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.
ޑރ. އަޙްމަދު އެހެން ވިދާޅުވީ ޗެނަލް-13 އަށް ފެއްވި ޚާއްސަ ބަސްދީގަތުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނެ އިތުރަށް ވިދާޅުވީ ފުލުހުންގެ ތަޙްޤީޤު ވެސް އަދި ޝަރީއަތް ވެސް އަވަސް އަރުވާލާފައި ހިންގާ ތަޙްޤީޤުތަކާއި ޝަރީއަތްތަކަކީ ވަކިފަރާތަކަށް ނުޖެހޭ ޝަރީއަތެއް ކަމަށް ނުބެލެވޭ ކަމަށެވެ. އަދި ޖިނާއީ އަދުލުގެ ނިޒާމު ނަގަހައްޓާ ދަމަހައްޓާތަން ވެސް ފެންނަމުން ނުދާކަމަށެވެ.
ފާއިޒްގެ ޤާނޫނީ ވަކީލް އަލްއުސްތާޛް އިބްރާހީމް ހާފިޒް ވިދާޅުވީ މުޅި ތަޙްޤީޤު މަރުޙަލާ ކުރިއަށް ގެންދިޔައީ ވަރަށް އަވަސް އަރުވާލާފައި ކަމަށާއި، ދިފާއީ ހެކި ހުށަހެޅުމަށް އެކަށީގެންވާ މުއްދަތާއި ފުރުޞަތު ލިބިފައިނުވާ ކަމަށެވެ. މިކަމާގުޅިގެން ކުރީގެ އުއްތަމަފަނޑިޔާރު ވިދާޅުވީ ފާއިޒުގެ މައްޗަށް ހިންގާ ޝަރީއަތުގައި ސިޔާސީ ކުލަޖެހިފައިވާ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އަކީ މުރުތައްދުވެފައިވާ މީހެކޭ ބުންޏަސް ދޮގަކަށް ނުވާނެކަމަށް ބުނެފައިވަނީ ސިޔާސީ ގޮތުން ރައްދުދިނުމުގެ މަޤްޞަދުގައި ބުނެފައިވާ އިބާރާތެއް ކަމަށާއި، އެއީ އެމަނިކުފާނުގެ ދީނީ އަޤީދާއާއި ގުޅޭގޮތުން ބޭނުންކޮށްފައިވާ އިބާރާތެއް ނޫންކަމަަށެވެ. އެހެންވީމާ ފާއިޒްގެ މައްޗަށް ކުރެވޭ ދައުވާއަކީ ޤާނޫނީ ޝަރުޠު ފުރިހަމަވާ ދައުވާއެއް ނޫންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު