މާތްވެގެންވާ ދެ ޙަރަމްފުޅު ގާއިމުވެފައިވާ ސައުދީ އަރަބިޔާއަށް ޙަމަލާއެއް ދީފި ބަޔަކާ ދެކޮޅަށް ނިއުކްލިއަ ޙަމަލާއެއް ދޭންވެސް ފަހަށް ނުޖެހޭނެ ކަމަށް ޕާކިސްތާނުގެ އަސްކަރިއްޔާއިން ބުނެފައިވާ ކަމަށް ބައެއް މަސްދަރުތަކުގައި ރިޕޯޓް ކޮށްފިއެވެ.
ސައުދީ އާއި ޕާކިސްތާނާ ދެމެދު ސޮއި ކުރެވިފައިވާ ދިފާއީ އެއްބަސްވުމުގައިވާ ގޮތުން އެއް ގައުމަށް ދޭ ހަމަލާ އަކީ އަނެއް ގައުމަށް ވެސް ދޭ ހަމަލާއެއްގެ ގޮތުގައި ބަލަން ކަނޑައަޅާފައިވެއެވެ.
ޕާކިސްތާނަކީ ނިއުކްލިއާ ގާބިލްކަން ލިިބިފައިވާ ހަމަ އެކަނި މުސްލިމް ގައުމެވެ. ޕާކިސްތާނާ އެކު ސައޫދީން މި އެއްބަސްވުން ގާއިމުކުރީ ހަމާސްގެ ލީޑަރުންނަށް އަމާޒުކޮށް އިޒްރޭލުން ސައޫދީގެ އަވަށްޓެރި ގަތަރަށް ހަމަލާދިނުމާ ގުޅިގެން ކަމަށް ބެލެވެއެވެ.
މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސައޫދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާނާއި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފެވެ. އަދި މި އެއްބަސްވުމަކީ ބޮޑު ކާމިޔާބެއްގެ ގޮތުގައި ދެ ގައުމުން ވެސް ފާހަގަ ކުރެއެވެ.
ބައެއް މީހުން ތަރުޖަމާކުރާ ގޮތުގައި ސައުދީ ސަރުކާރަށް މިހާރު އެމެރިކާއަށް އެއްވެސް އިތުބާރެއް ނެތެވެ. އެހެނީ އެމެރިކާގެ އެއް އަތްކަމަށްވާ އިޒްރޭލުން ގަތަރަށް ހަމަލާ ދީފައިވަނީ ސީދާ އެމެރިކާގެ ވެސް ރުހުމާއެކުގައެވެ. އެހެންކަމުން އެމެރިކާއަކީ އެއްވެސް ޙާލެއްގައި މުސްލިމުންނަށް ހެޔޮ އެދޭނެ ބައެއް ނޫންކަން ކަށަވަރުވީ ކަމަށެވެ. — އޭއެފްޕީ
ކިޔުންތެރިންގެ ހިޔާލު