ހުރިހާ ސިޔާސީ ޕާޓީތައް ގުޅިގެން މި ސަރުކާރު ހަމަ މަގަށް އަޅުވަން ޖެހޭ ކަމަށާއި، އެކަމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއި އެނޫން ވެސް ސިޔާސީ ލީޑަރުންނާ ގުޅިގެން މަސައްކަތްކުރަން ތައްޔާރަށް ހުންނެވި ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.
އިމްރާން އަބްދުﷲ އެކްސްގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ، ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އިދިކޮޅު މައި ޕާޓީ އެމްޑީޕީ އާއި ޕީއެންއެފްގެ އިތުރުން އެހެން ޕާޓީތަކާއެކު މަސައްކަތް ކުރަން އަދާލަތު ޕާޓީ ތައްޔާރަށް އޮތް ކަަމަށެވެ. އަދި އެއީ ޕީއެންއެފްގެ ބާނީ ރައީސް އަބްދުﷲ ޔާމީން ވިދާޅުވި ފަދައިން ސިޔާސީ ޕާޓީތަކުގެ ފަލްސަފާ އެއްގޮތްވެގެން ކުރާ ކަމެއް ނޫން ކަމަށާއި، އެއީ ރައީސް ޔާމީން ވިދާޅުވި ފަދައިން އިދިކޮޅު ޕާޓީތަކުގެ ޒިންމާއެއް ކަމަށް ދެކޭތީ ކަމަށެވެ. އަދި މި ސަރުކާރުގެ ނުބައިކަމުން ކަމަށެވެ.
މިއީ ރައްޔިތުންނަށް ހެޔޮ އެދޭ ސަރުކާރެއް ނޫން ކަމަށާއި، ކޮރަޕްޝަނާ ފަސާދަ އިންތިހާ ވެއްޖެ ކަމަށާއި، އެއްވެސް މަޝްރޫޢެއް ނުހިނގާ ކަމަށާއި، ދަރަނި އިތުރު ވެއްޖެ ކަމަށް ޤަބޫލު ކުރެވޭތީ، މިއީ މިހާރުން މިހާރަށް ވެސް ޖަވާބުދާރީ ކުރުވަން ޖެހޭ ބައެއް ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު