އިޒްރޭލްގެ ނުރައްކާތެރި ވައިގެ ޙަމަލާއެއްގައި ބައްޕަ ގެއްލުމުން އޭނާގެ އަންހެން ދަރިފުޅު ހުއްޓައިނުލާ 44 ދުވަސް ވަންދެން ކުރި މަސައްކަތުން ފެނުނީ ލޯބިވާ ބައްޕަގެ ވީރާނާވެފައިވާ ކަށިކޮޅުތަކެވެ.
ޣައްޒާގެ މި އަންހެން ކުއްޖާ އޭނާގެ ލޯބިވާ ބައްޕައާއެކު ދިރިއުޅެމުން ގެންދިޔަ ގެއަށް ބޮންއެޅުމުގެ ސަބަބުން އިމާރާތް ފުނޑު ފުނޑު ވެގެންދިޔައެވެ. އަދި ބައްޕައަށް ވީނުވީއެއް ނޭނގި ގެއްލުނެވެ. އަނިޔާވެރި ޔަހޫދީ ސިފައިންގެ ޙަމަލާތައް ހުއްޓުމެއްނެތި ދެމުން ގެންދިޔަ އިރުވެސް ފުރާނަ އަތްމައްޗަށް ލައިގެން ކުރެވުނު ގޮތަކުން ގާކުނޑިތައް ދުރުކޮށް އަތުން ކޮނެގެން ބައްޕަ ފެނޭތޯ ކުރި މަސައްކަތުން ލިބުނީ ޝަހީދުވެފައިވާ ބައްޕަގެ ވީރާނާވެފައިވާ ހަށިގަނޑުން ކަށިކޮޅެއްގެ މިންވަރެވެ.
މިފަދަ ޙާލަތެއް ތަޙައްމަލް ކުރާ ކޮންމެ ކުއްޖެގެ ހިތަށް ކުރާނެ އަސަރު ނިކަން ދެކިބަލާށެވެ. މިކުދިންގެ ހިތްވަރާއި ފުރިހަމަ އަޤީދާ އަކީ އެފަދަ ދެވަނައެއް ނެތް ފުރިހަމަ މިސާލެކެވެ. މިހުންނަނީ މިފަދަ ޙާލަތެއް ތަޖުރިބާ ކުރި މީހަކަށް މެނޫނީ ބަޔާން ކޮށްދެވޭނެ އިހުސާސްތަކެއް ނޫނެވެ.
މިއީ ޣައްޒާގައި ކޮންމެ ދުވަހަކު އެތައް ކުދިންނެއް ތަޙައްމަލުކުރަމުން ގެންދާ ހިތްދަތި ޙާލަތެކެވެ. ޣައްޒާގެ ޙާލަތު ހިތްމައްޗަށް ގެނެސް އެމީހުންނަށް ހެޔޮ ދުޢާ ކޮށްދެއްވާށެވެ. ވެވެން އޮތް ގޮތަކުން، ވެވުނު މިންވަރަކަށް އެމީހުންނަށް އެހީތެރި ވެދެއްވާށެވެ. އެއީ އަހަރެމެންގެ މުސްލިމް އަޚުންނާއި އުޚުތުންނެވެ.
ކިޔުންތެރިންގެ ހިޔާލު