ދުނިޔޭގައި މިހާތަނަށް އިންތިޒާމުކުރީ އެންމެ ބޮޑު އިންސާނީ އެހީގެ ޤާފިލާގައި ބައިވެރިވުމަށް 26،000 އަށް ވުރެ ގިނަ އެޕްލިކޭޝަން ފޯމް ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން ޤާފިލާއަށް ހޮވާފައިވަނީ 50 ޤައުމެއްގެ 500 ބައިވެރީންކަމަށް ފްލޮޓިލާގެ އިންތިޒާމީ ކޮމިޓީން ބުނެފައިވެއެވެ.
ގްލޯބަލް ސުމޫދު ފްލޮޓިލާއަށް ހޮވުނު 500 އެކްޓިވިސްޓުންނަށް ވަރަށް ފުރިހަމަ ތަމްރީންތައް ދެވިފައި ވެއެވެ. ދިމާވެދާނެ ކޮންމެ ޙާލަތެއްގައި ވެސް ޖަޒްބާތުތައް ކޮންޓްރޯލް ކޮށް ހަމަހިމޭންކަން ދެމެހެއްޓުމުގެ ޤާބިލްކަން އެމީހުންގެ ހުންނާނެ ކަމަށާއި، އިޒްރޭލްގެ ސިފައިން ކިތަންމެ އަނިޔާވެރިކޮށް އަމަލުކުރިޔަސް ނުރުހުމުގައި ބުމަވެސް ހިއްލާނުލާނެ ވަރަށް އެމީހުން ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ތައްޔާރުވެފައި ވާނެ ކަމަށެވެ.
އަދި އެމީހުން ދަތުރުގައި ބައިވެރިވީ އެއީ ބައިނަލްއަޤުވާމީ ޤާފިލާއަކަށް ވުމުން އިޒްރޭލުން އެކަމަށް ބަލާނެކަމުގެ ވިސްނުމުގައެއް ވެސް ނޫނެވެ. އެއްވެސް ކުށެއްނެތި އެމީހުން ޝަހީދުކޮށްލިޔަސް ހެޔޮ ކަމަށެވެ. ޣައްޒާގައި ހިންގަމުން ގެންދާ ނަސްލު ގައިދުކުރުމާއި، ބަނޑަށް ޖެއްސުމާއި، ހިޞާރުކުރުމާ ދެކޮޅަށް އިންސާނިއްޔަތަށްޓަކައި ވީ ބޮޑު ޤުރުބާނީ އެކެވެ.
އެހީގެ ޤާފިލާގެ އެއްވެސް އުޅަނދަކަށް ކާމިޔާބުނުވި ނަމަވެސް މުޅި ދުނިޔޭގެ ސަމާލުކަމަށް ޣައްޒާގެ މައްސަލަ މިހާރު ވަނީ އައިސްފައެވެ. އެހެންކަމުން ޣައްޒާގެ ޙާލަތު ބަދަލުކޮށްލުން މިހާރު ބިނާވަނީ ބާރުތައް ލިބިފައިވާ ފަރާތްތަކުން އަމަލުކުރާ ގޮތެއްގެ މައްޗަށެވެ. އިޒްރޭލާއި އެމެރިކާއާ ގުޅިގެން ކުރާ އެއްވެސް ކަމަކުން ފަލަސްޠީނުގެ ރައްޔިތުންނަށް ލިބޭނެ އެއްވެސް ހެވެއް ނެތެވެ. މިހާރު ދެން މުސްލިމް މުޖުތަމަޢުތަކުން ވެސް ހޭވެރިކަން ވާން ވެއްޖެއެވެ.
ކިޔުންތެރިންގެ ހިޔާލު