ބާރު ގަދަ ބައްސާމް ވެސް ހަތަރު އަހަރަށް ޖަލަށް

މިލައުތުރު | 8 އޮކްޓޯބަރ 2025 | ޚަބަރު

ފުޓްބޯޅަ އެސޯސިއޭޝަންގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވެ ހަތަރު އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ. ކުރިން ބައްސާމް ފާހަގަ ކުރެވިފައިވަނީ ސިޔާސީ ގޮތުން ބާރު ގަދަ އަތްލަން އުނދަގޫ ބޭފުޅެއްގެ ގޮތުގައެވެ.

ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ދެ ދައުވާ އެކެވެ. އެއީ ހިޔާނާތްތެރިވުމާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ. އޭނާގެ މައްޗަށް މިއަދު ސާބިތުވީ ހިޔާނާތްތެރިވުމުގެ މައްސަލައެވެ.

Advertisement
Advertisement

ދައުވަތައް އުފުލީ 2018 ވަނަ އަހަރު ފީފާއިން ދިން 10،000 ޑޮލަރުގެ ތެރެއިން 9،999 ޑޮލަރުގެ އޭނާގެ އަމިއްލަ އެކައުންޓަކަށް ޖަމާކުރި މައްސަލައެއްގަ އެވެ.

މިއީ އެފްއޭއެމްގެ ރައީސްކަމުގެ މަގާމުގައި ބައްސާމް ހުންނެވިއިރު، ބޭންކް އޮފް ސިލޯނުގައި ހުންނަ އެފްއޭއެމްގެ އެކައުންޓަކަށް ފީފާއިން ޖަމާކުރި 10،000 ޑޮލަރު، ލިޔުންތަކެއް ހުށަހަޅައިގެން ބީއެމްއެލްގައި ހުންނަ ބައްސާމްގެ އެކައުންޓަށް ބަދަލު ކުރި ފައިސާތަކެކެވެ.

ދައުލަތުން ބުނެފައި ވަނީ ބައްސާމް އެކައުންޓަށް ޖަމާކުރި 9،999 ޑޮލަރުގެ ތެރެއިން 1،910 ޑޮލަރު އެހެން މީހެއްގެ އެކައުންޓަށް ޖަމާކުރުމަށް ފަހު، ބައްސާމް އާއި އޭނާގެ އަނބިކަނބަލުން މައުރީންގެ ހިއްސާ އޮންނަ ގްލޭސިއާ އިންވެސްޓްމަންޓްގެ އެކައުންޓަށް ޖަމާކޮށް، އެ ކުންފުނީގެ އަމިއްލަ ކަންކަމަށް ބޭނުންކޮށްފައިވާ ކަމަށެވެ. އަދި ބައްސާމް ދިރިއުޅުނު ރެހެންދި ފްލެޓްގެ ކުލި ދެއްކުމަށް އެ ފައިސާ ބޭނުންކުރި ކަމަށް ވެސް ދައުލަތުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.