ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ށ. އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ކަނޑިތީމު ދާއިރާއިން ނޫމަރާ، ގޮއިދޫ، ކަނޑިތީމް އަދި ބިލެތްފައްސަށް މިއަދު ވަޑައިގެންފި އެވެ. އަދި މާދަމާ ހެނދުނު ފޭދޫ އަށް ވަޑައިގަންނަވާނެ އެވެ.
ރައީސްގެ ދަތުރުފުޅުގައި ގިނަ އަދަދެއްގެ މަޝްރޫޢުތަކެއްގެ އެއްބަސްވުމުގައި ސޮއި ކުރުމާއި، ބައެއް މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުތައް ރަށް ރަށުގައި ބާއްވާފައި ވެއެވެ.
ށ. ނޫމަރާ
ނޫމަރާގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ބިނާކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމާއި، ފިޓްނަސް ސެންޓަރުގެ ބިންގާއެޅުމާއި، ފުލުހުންގެ މަރުކަޒުގެ ބިންގާއެޅުމުގެ އިތުރުން ކައުންސިލް އިދާރާގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތު ބާއްވާފައި ވެއެވެ. ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވިގޮތުގައި މި މަޝްރޫޢުތަކުގެ އިތުރުން އަންނަ އަހަރު ނޫމަރާ ސްކޫލުގައި މަލްޓިޕާޕަސް ހޯލެއް ބިނާކޮށްދެއްވާނެ އެވެ.
ށ. ކަނޑިތީމު
ކަނޑިތީމުގެ މަގު ހެދުމުގެ މަޝްރޫޢުގައި ސޮއި ކުރުމާއި، ބަނދަރު ތަރައްޤީކުރުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫޢުގައި ސޮއި ކުރުމާއި، ފުލުހުންގެ މަރުކަޒުގެ ބިންގާއެޅުމާއި، ބީއެމްއެލްގެ ބްރާންޗުގެ ބިންގާއެޅުމުގެ އިތުރުން ފިޓްނަސް ސެންޓަރުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވެއެވެ.
ށ. ގޮއިދޫ
ގޮއިދޫގެ މަގު ހެދުމުގެ މަޝްރޫޢާއި، ބަނދަރު ތަރައްޤީކުުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރުމާއި، ފުލުހުންގެ މަރުކަޒުގެ ބިންގާއެޅުމާއި، ފިޓްނަސް ސެންޓަރުގެ ބިންގާއެޅުމާއި، ކުނި މެނޭޖު ކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައި ވެއެވެ.
ށ. ބިލެތްފަހި
ބިލެތްފަހީގެ ބިންހިއްކުމާ އެއާޕޯޓް ތަރައްޤީކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއި ކުރުމާއި ޢަމަލީ މަސައްކަތް ފެށުމާއި، ފުލުހުންގެ މަރުކަޒުގެ ބިންގާއެޅުމާއި، ފިޓްނަސް ސެންޓަރުގެ ބިންގާއެޅުމާއި، ކައުންސިލް އިދާރާގެ އައު އިމާރާތުގެ ބިންގާއެޅުމުގެ ރަސްމިއްޔާތު ބާއްވާފައި ވެއެވެ.
ކިޔުންތެރިންގެ ހިޔާލު