ށ. އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ސަބަބުން ވެރިކަންކުރާ ޕާޓީގެ ސަޕޯޓަރުންނަށް މާ ބޮޑު އުފަލެއް ނުލިބޭ ކަމަށް ބައެއް މީހުން ބުނަން ފަށައިފި އެވެ.
ސަބަބެއް ކަމުގައި އެމީހުން ބުނަނީ ރައީސް ވަޑައިގަންނަވާ ކޮންމެ ރަށެއްގައި ވެސް އިޢުލާން ކުރައްވަނީ ހަމަ އެއް ކަންތައްތަކެއް ކަމަށާއި، ދައުރުގައި ބާކީ އޮތް 3 އަހަރު ދުވަހުގެ ތެރޭގައި ކުރެވިދާނެ ކަމަށް ބުއްދިއަށް ޤަބޫލު ނުކުރެވޭތީ، ލިބެންޖެހޭ ޙަޤީޤީ ހިތްހަމަޖެހުން ނުލިބޭ ކަމަށާއި، ފަހުން ކުރިމަތިލާން ޖެހިދާނެ މަލާމާތަކަށްޓަކައި ނުތަނަވަސްކަމެއް އިހުސާސް ކުރެވޭ ކަމަށެވެ.
މީހުން ދިރިއުޅޭ 14 ރަށުގެ މަގުތަކުގައި ތާރު އަޅައި، ޒަމާނީ ފެންވަރަށް ތަރައްޤީ ކުރައްވަން ޙަވާލުކުރެއްވި ނަމަވެސް އެއީ ބުއްދިއަށް ޤަބޫލުކުރަން ދަތި ކަމެއް ކަމަށެވެ. މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކުރާތީ އުފާވާކަމަށާއި، ނަމަވެސް ވައުދުވުމުގައި ވެސް ހައްދެއް މިންވަރެއް އޮންނަން ވާނެ ކަމުގައި ދެކޭ ކަމަށެވެ.
މަޝްރޫޢުތަކުގެ މަސައްކަތް ކުރަން އޮތީ މަދު ކުންފުންޏެއް ކަމަށާއި، މިހާރުވެސް އެތަންތަނާ ހަވާލުކޮށްފައިވާ މަޝްރޫޢުތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައި ވާކަމަށެވެ. އަދި ޚުދު އެކުންފުނިތަކުގައި އެފަދަ ކެޕޭސިޓީއެއް ނެތް ކަމަށް ބުނަމުންދާ ހިނދުގައި އިތުރު މަޝްރޫޢުތައް ޙަވާލުކުރާތީ، ކަންބޮޑުވާ ކަމަށެވެ.
ބައެއް ރަށް ރަށުން ވާހަކަދެއްކި މީހުން ބުނިގޮތުގައި ލިބޭ ހަމައެކަނި ހިތްހަމަޖެހުމަކީ ލިސްޓަށް ކަމެއް އިތުރުވުން ކަމަށެވެ. ދައުރުގެ ބާކީ އޮތް މުއްދަތުގައި ކުރެވިދާނެ ކަމަށް ބުއްދިއަށް ގަބޫލު ނުކުރެވޭ ކަމަށެވެ. އަދި އިތުރު ދައުރެއް ނުލިބިއްޖެ ނަމަ، މަލާމާތާއި ފުރައްސާރައާ ކުރިމަތިލާން ނުޖެހި ނުދާނެ ކަމަށެވެ.
ކިޔުންތެރިންގެ ހިޔާލު