
މިލައުތުރު ފުޓްސަލް މުބާރާތުގައި މިއަދު ކޮމަންޑޫ އާ ދެކޮޅަށް ކުޅުނު ސެމީ ފައިނަލް މެޗު 7 – 0 ގެ ބޮޑު ތަފާތަކުން މެޗު ކާމިޔާބުކޮށް އެންމެ ފުރަތަމަ ފައިނަލަށް ދަތުރުކުރި ޓީމަކީ މިލަންދޫ އެވެ.
މިލަންދޫ އެސްސީ ފައިނަލަށް ދަތުރުކޮށްފައިވަނީ މުބާރާތުގައި ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޕޮއިންޓް ތާވަލުގެ އެންމެ ފުރިހަމަ ނަތީޖާއާ އެކުގައެވެ. މެޗުތައް ދިރާސާކުރާ ކުޅިވަރުގެ މާހިރުން ބުނާގޮތުގައި މި މުބާރާތުގެ ތަށި މިލަންދޫ ނަގާނެކަމުގެ ޔަޤީންކަން ވަރަށް ބޮޑު ކަމަށެވެ.
މި މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މާއުނގޫދޫ އާ ބައްދަލުކުރި މެޗު މިލަންދޫ ކާމިޔާބުކުރީ 4 – 0 ގެ ނަތީޖާއަކުންނެވެ. ހަމަ އެހެންމެ ފުނަދޫ ބަލިކުރީ 2 – 0 ގެ ނަތީޖާއަކުންނެވެ. އަދި ކުއާޓަރ ފައިނަލުގައި 3 – 2 ގެ ނަތީޖާއަކުން ފޯކައިދޫ ވެސް ވަނީ ބަލިކޮށްފައެވެ. އެހެންކަމުން މުބާރާތުގައި އެންމެ ޗާލު ސްކޯ ބޯޑެއް އޮތް ޓީމަކީ މިލަންދޫއެވެ.
ފައިނަލުގައި މިލަންދޫ ބައްދަލުކުރަން ޖެހޭ ޓީމެއް ޔަޤީން ވާނީ މިރޭ ކުޅޭ ސެމީ ފައިނަލް މެޗަށް ފަހުގައެވެ. މި މެޗުގައި ބައްދަލުކުރާނީ މުބާރާތުގެ ހޯސްޓް ކަމުގައިވާ ކަނޑިތީމާ މަރޮށީ ފުޓުބޯޅަ ކުލަބެވެ. މި މެޗު ފެށުމަށް ހަމަޖެހިފައިވަނީ 20:30 ގައެވެ.

ކިޔުންތެރިންގެ ހިޔާލު