މިމަހުގެ 11 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ކެންދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ޢިއްޒަތްތެރި މެންބަރު މައުރޫފް ޒާކިރު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވިފައިވަނިކޮށް ބަލިވެގެން ހޮސްޕިޓަލަށް ގެންދަންޖެހި، އޮޕަރޭޝަނެއް ކުރަންޖެހުނީ ފުލުހުންގެ ފުށުން ލިބުނު ހާނިކަތަކުގެ ސަބަބުން ކަމަށް ބައެއް ފަރާތްތަކުން ވަނީ ތުހުމަތު ކޮށްފައެވެ.
އެކަމާ ގުޅިގެން ފުލުހުންގެ ޚިދުމަތުން ނެރުއްވި ނޫސްބަޔާނެއްގައި އެކަން ވަނީ ދޮގު ކުރައްވާފައެވެ. އަދި އެފަދަ ދޮގު މަޢުލޫމާތުތައް ނުފެތުރުމަށް ވެސް ވަނީ އިލްތިމާސް ކުރައްވާފައެވެ. އެހެން ނަމަވެސް މައުރޫފް ޒާކިރުގެ ސަޕޯޓަރުންނާއި، ބޮޑުކަންނެލީގެ މަސްވެރިކަމުގައި އުޅޭ ފަރާތްތައް އެކަން ޤަބޫލެއް ނުކުރެއެެވެ. އެމީހުން އަދިވެސް ބުނަމުން ގެންދަނީ ފުލުހުން އެމަނިކުފާނު ހައްޔަރު ކުރީ ވަރަށް އަނިޔާވެރިކޮށް ކަމަށެވެ. އަދި ވަރަށް އިންސާނިއްޔަތު ކަމެއް ނެތް ޢަމަލެއް ކަމަށެވެ.
ޤާނޫނީ ދާއިރާގެ ތަޖުރިބާކާރުން ވިދާޅުވަނީ ފުލުހުން ޢަމަލުކުރީ ޤާނޫނާ ޚިލާފަށް ކަމަށެވެ. އެއްވެސް ކޯޓު އަމުރެއްނެތި މީހުންގެ އަގުބޮޑު މުދާ އެހެން ހިސާރުކޮށް ނެހެދޭނެ ކަމަށެވެ. ހުރިހާ ކަމެއް ސިޔާސީ ކުރުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. ރާއްޖޭގެ ޤައުމީ ޓީމުގެ ކުރީގެ ގޯލްކީޕަރު އިމްރާން ވިދާޅުވީ މައުރޫފް ޒާކިރަކީ އަބަދުވެސް މިފަދަ ކަންކަމުގައި ޙައްޤަށް ވަކާލާތު ކުރައްވާ ބޭފުޅެއް ކަމަށާއި، އިހުތިޖާޖުގައި ބައިވެރިވެލެއްވީ ބޮޑުކަންނެލީގެ މަސްވެރިކަމުގައި އުޅޭ ފަރާތްތަކުގެ އެދުމުގެ މަތިން ކަމަށާއި، އެކަމުގެ ތެރެއަށް ސިޔާސީ ނުފޫޒު ނުވެއްދުމަށް އެންމެ ބޮޑަށް މަސައްކަތްކުރައްވާ އެއް ބޭފުޅެއް ކަމަށެވެ.
މި ފަހަކަށް އައިސް ފުލުހުން ފާހަގަކުރެވިފައިވަނީ ސިޔާސީ ގޮތުން މޯޓިވޭޓް ވެފައިވާ އޮޕަރޭޝަންތައް ހިންގާ މުއައްސަސާއެއްގެ ގޮތުގައެވެ. އެހެން ކަމުން ރައްޔިތުން ކުރާ އިތުބާރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

ކިޔުންތެރިންގެ ހިޔާލު