މުޅި ރާއްޖެއަށް 50 ޓަނުގެ ކަދުރު ބަހަން ފަށައިފި

ޝާން މުޙައްމަދު | 26 އޭޕްރީލް 2026 | ޚަބަރު

މުޅި ރާއްޖެއަށް 50 ޓަނުގެ ކަދުރު ބަހަން ފަށާފައިވާކަން ސަރުކާރުން ހާމަކޮށްފިއެވެ.

މިއަދު އިސްލާމިކް މިނިސްޓްރީން ބުނީ ސައުދީގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ހިއުމަނިޓޭރިއަން އެންޑް ރިލީފް ސެންޓަރުން ދިވެހިރާއްޖެއަށް ހަދިޔާކުރި 50 ޓަނުގެ ކަދުރު ބަހަން ފަށައިފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މާލެ ސަރަޙައްދުގައި ކަދުރު ބެހުމުގެ މަސައްކަތް ކުރިއަށްދާނީ އިސްލާމީކަންތައްތަކާ ބެހޭ މިނިސްޓްރީގެ ބެލުމުގެ ދަށުން، އިސްލާމީ މަރުކަޒުގެ ހޯލުގައި ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން އަންނަ މަހުގެ 14އާ ހަމައަށް، ހެނދުނު 9:30 އިން 13:00 އަށެވެ.

މާލެއާއި ހުޅުމާލެއާއި ވިލިމާލޭގެ ގޭބިސީތަކަށް ކަދުރު ބަހާނީ، އެ ގޭބިސީއެއްގެ އެޑްރެސް، ކަރަންޓު މީޓަރުގެ ނަންބަރު އަދި ކަދުރާ ހަވާލުވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހުގައި ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސިޓީތަކާއި ރަށްރަށުގައި ކަދުރު ބަހާނީ، އެ ސިޓީއަކަށް ނުވަތަ އެ ރަށަކަށް ކަނޑައަޅާ ކަދުރު ހުސްވަންދެން ކޮންމެ ގޭބިސީއަކަށް އެއް ޕެކެޓު ކަދުރެވެ. އަދި ސިޓީތަކާއި ރަށްރަށަށް އަދަދު ކަނޑައެޅޭނީ ކޮންމެ 100 ގޭބިސީއަކަށް 50 ޕެކެޓުގެ ރޭޓުންނެވެ. ރަށްރަށާއި ސިޓީތަކަށް ކަދުރު ބެހުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލްތަކާއި ރަށު ކައުންސިލްތައް މެދުވެރިކޮށެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.