ހެކި ނެތިކަން ކަމަށް ބުނެ ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯ ވިއްކި މީހާ ދޫކޮށްލައިފި

ޝާން މުޙައްމަދު | 4 މޭ 2026 | ޚަބަރު

ހެކި ނެތިކަން ކަމަށް ބުނެ ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ވިއްކި ކަމަށް ބުނާ މީހާ ދޫކޮށްލައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ ތ. ވިލުފުށީ މޫނިމާގެ، އާދަމް އަދްލާން ލަތީފް (22އ) އެވެ. އޭނާ ހައްޔަރުކުރީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ކްރިޕްޓޯކަރަންސީ ބޭނުންކޮށްގެން ގަނެ ވިއްކާކަމުގެ ތުހުމަތުގައެވެ.

މިއަދު ކުރިމިނަލް ކޯޓުން ވަނީ މީނާގެ މައްޗަށް އުފުލާފައިވާ ދައުވާއަށް ބޭނުންވާ ވަރަށް ހެކި ނެތުމުން އޭނާ ދޫކޮށްލައިފައެވެ. ކުރިމިނަލް ކޯޓުން އަދްލާން ދޫކޮށްލާފައިވަނީ ވަކި ޝަރުތުތަކެއްގެ މަތިންނެވެ. އޭގެ ތެރޭގައި އޭނާގެ ޕާސްޕޯޓު ހިފެހެއްޓުމާއި، ކޯޓުގެ ހުއްދަނެތި ރަށުން ބޭރަށް ދިއުން މަނާކުރުން ހިމެނެއެވެ.

ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މި މައްސަލާގައި އަދްލާން ހައްޔަރުކުރީ މިދިޔަ މަހުގެ ފަސްވަނަ ދުވަހުއެވެ. ފުލުހުން ތުހުމަތުކޮށްފައިވާ ގޮތުގައި އޭނާ ވަނީ “ބައިނޭންސް” އެކްސްޗޭންޖްގެ ވޮލެޓެއް ބޭނުންކޮށްގެން ކުޑަކުދިންގެ ބަރަހަނާ މަންޒަރުތައް ހިމެނޭ ފޮޓޯއާއި ވީޑިއޯގެ ވިޔަފާރިކޮށްފައެވެ.

މި މައްސަލާގައި އޭނާ ބަންދުން ދޫކޮށްލުމަށް ކޯޓުން ކުރި އަމުރުގައި ބުނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކަށް ބާރުދޭނެ އެކަށީގެންވާ ހެއްކާއި ގަރީނާ ފުލުހުންނަށް ހުށަހެޅިފައި ނުވާ ކަމަށެވެ. މީގެ އިތުރުން، އިންޓަޕޮލްގެ ފަރާތުން ލިބިފައިވާ ކަމަށް ބުނާ މައުލޫމާތުތައް ހިމެނޭ ރަސްމީ ލިޔުމެއް ޝަރީއަތަށް ހުށަހަޅާފައި ނުވާކަންވެސް ކޯޓުން ފާހަގަކުރިއެވެ.

އަދި މި މައްސަލާގައި ބަޔާން ދިން އެއްވެސް ފަރާތަކުން އޭނާއާ ދެކޮޅަށް އެއްވެސް ވާހަކައެއް ބުނެފައި ނުވާ ކަމަށްވެސް ކޯޓު އަމުރުގައިވެއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ، އަދްލާންގެ އަތުން ފެނުނު އިލެކްޓްރޯނިކް ސާމާނުތައް ތަހުލީލު ކުރިއިރު، ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މަންޒަރު ފެންނަ ގިނަ އަދަދެއްގެ ވީޑިއޯ އާއި ފޮޓޯ ފެނިފައިވާ ކަމަށެވެ. އަދި ކްރިޕްޓޯ އެކައުންޓް މެދުވެރިކޮށް މިކަމުގެ މުއާމަލާތްތައް ހިންގާފައިވާ ކަމަށްވެސް ފުލުހުން ކުރިން ބުނެފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.