އޮންލައި ނޫސް “އަދަދު” އިން އާންމުކުރި “އައިޝާ” ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސް އޮފީހާއި ސަރުކާރުގެ ގިނަ ސިޔާސީ ވަޒީފާއެއް އަދާކުރި އައިޝަތު އީޝާ އަޝްރަފު މިރޭ ފުލުހަށް ހާޒިރުކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އީޝާ ފުލުހަށް ހާޒިރުކޮށްފައި ވަނީ މިރޭ 21:00 ގައެވެ. އީޝާ ފުލުހަށް ހާޒިރުވީ އޭނާގެ ވަކީލާއެކު އެވެ. އޭނާ ހާޒިރުކުރުމަށް ފުލުހުން ފޮނުވި ޗިޓުގައި ބުނީ، “2026 މާރިޗު 28 ވަނަ ދުވަހު އަދަދު އޮންލައިންގެ އެކްސް އެކައުންޓްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ގަޒްފުކޮށް، ‘އައިޝާ’ ނަމުގައި ވީޑިއޯ ރިޕޯޓެއް ޝާއިއުކޮށްފައިވާ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހުމަތުކުރެވޭތީ” އެވެ.
ފުލުހުން ވަނީ މީގެ ކުރިން އަދަދު ނޫސް ހިންގާ އޮފީހަށް ވަދެ އެތަން ބަލާ ފާސްކޮށް އެތަނުގައި ބޭނުންކުރާ ކޮމްޕިއުޓަރުތައްފަދަ އާލާތްތައްވެސް ނަގާފައެވެ. މި މައްސަލައިގައި އަދަދުގެ ސީއީއޯ ހުސެއިން ފިޔާޒާއި އެޑިޓަރު ހަސަން މުހައްމަދުގެ މައްޗަށް ފަސް ޖިނާއީ ތުހުމަތެއް ފުލުހުން ކުރެއެވެ. އޭގެ ތެރޭގައި ގަޒްފުގެ ކުށާއި، ކުށެއް ކުރުމަށް ރޭވުމާއި ބައިވެރިވުމުގެ ތުހުމަތު ހިމެނެއެވެ.
ކިޔުންތެރިންގެ ހިޔާލު