ވިޒިޓް ފޯކައިދޫ އާއި އައިސިކް މޯލްޑިވްސްއާ ދެމެދު ފަހުމުނާމާއެއްގައި ސޮއި ކޮށްފި.

މިލައުތުރު | 9 ޖޫން 2026 | ޚަބަރު

ށ. ފޯކައިދޫ އަކީ އައިސިކް (އިންޓަރނޭޝަނަލް ސްޓޫޑެންޓް ކާޑް) ހޯލްޑަރުންނަށް ޚާއްސަ ފުރުޞަތުތައް ލިބޭ އަދި ޒުވާން ފަތުރުވެރިންނަށް ފަހި މަންޒިލަކަށް ހެދުމަށްޓަކައި ދެ ފަރާތް ގުޅިގެން މަސައްކަތްކުރުމުގެ ފަހުމުނާމާއެއްގައި ވިޒިޓް ފޯކައިދޫ އާއި އައިސިކް މޯލްޑިވްސްއާއި ދެމެދު ސޮއިކޮށްފި އެވެ.

ފޯކައިދޫގެ ޒަމާންވީ ތާރީޚާއި ޘަޤާފަތް ފަތުރުވެރިންނަށް ޕްރޮމޯޓް ކުރުމާއި، ދެ ފަރާތުން ހިންގާ ހަރަކާތްތަކަށް އެހީތެރިވެ އެއްބާރުލުން ދިނުމުގެ ގޮތުން ސޮއިކުރެވުނު މި ފަހުމުނާމާގެ ހުދޫދުގެ ތެރެއިން ދެމެހެއްޓެނިވި ގޮތެއްގައި ޒުވާނުންނަށް ފަތުރުވެރިކަމުގެ ފުރުސަތުތައް ހޯދައިދިނުމަށް ދެ ފަރާތް ގުޅިގެން މަސައްކަތްތަކެއް ކުރެވޭނެ އެވެ.

އައިސިކް އެސޯސިއޭޝަނަކީ 130 އަށް ވުރެ ގިނަ ޤައުމުތަކުގައި ހަރަކާތްތެރިވާ ޖަމިއްޔާއެކެވެ. އަދި އެ ޖަމިއްޔާގެ މެންބަރުންގެ އަދަދު އެތައް މިލިޔަނަކަށް އަރައެވެ. އެހެންކަމުން މިއީ ވިޒިޓް ފޯކައިދޫއަށް ލިބިގެންދާނެ ވަރަށް ވެސް ފަހި ފުރުޞަތެކެވެ. އައިސިކްގެ ނެޓްވޯކްތައް މެދުވެރިކޮށް ޒުވާން ފަތުރުވެރިންނަށް ފޯކައިދޫން ލިބެން ހުރި ފުރުސަތުތައް އިޝްތިހާރު ކުރެވިގެންދާނެ އެވެ.

ވިޒިޓް ފޯކައިދޫގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރެއްވީ ފައުންޑަރ އަޙްމަދު ޒަކީއެވެ. އައިސިކް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އައިސިކް މޯލްޑިވްސްގެ ރެޕްރެޒެންޓެޓިވް އަބްދުﷲ މަސްއޫދު އެވެ. މި ފަހުމުނާމާގައި ސޮއިކުރުމުގެ ރަސްމިއްޔާތު އޮތީ އިއްޔެ ހަވީރު 16:00 ގައި ބީހައިވް ހޮޓަލުގައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.