މިލައުތުރު

ދަނޑުވެރިކަމުގައި ށ. ފީވަށް – ނަމޫނާ ރަށެއް

ށ. އަތޮޅު ފީވަށް އަބަދުވެސް ފާހަގަ ކުރެވެނީ ދަނޑުވެރިކަމުގައި ރާއްޖޭގެ އެހެން ގިނަ ރަށް ރަށަށް ވުރެން މަޝްހޫރުކަމެއް ލިބިފައި ވާ ރަށެއްގެ ގޮތުގައެވެ. ދަނޑުވެރިކަމުގެ ދާއިރާ އިން ޤައުމީ އިނާމްތައް ޙާޞިލުކޮށްފައި ވާ މި ރަށަކީ ވިޔަފާރީގެ އުޞޫލުން ދަނޑުވެރިކަން ކުރުމުގައި ނަމޫނާ ރަށެކެވެ. އެހެން ދަނޑުވެރިކަން ކުރާ ގިނަ ރަށް ރަށުގައި އެންމެ ބޮޑު ޝަކުވާ އަކީ ހައްދާ އެތިކޮޅު ނުވިކި ހަލާކުވެގެން އުކާލަން ޖެހޭ މައްސަލައެވެ. އެއީ ފީވަކުގެ ދަނޑުވެރިން ދުވަހަކު ވެސް ކުޅަ ޝަކުވާއެއް ނޫނެވެ. އެހެނީ އެމީހުން ހަމަ އެކަނި އިންދާ ހައްދަނީއެއް ނޫނެވެ. އެމީހުން ރިސޯޓްތަކަށް ސަޕްލައި ކުރެއެވެ. ލޯކަލް މާރުކޭޓުތަކުގައި ގޮޅި ހިންގައެވެ. އެހެން ރަށް ރަށުން ތަކެތި ގަނެގެން ވެސް ވިއްކާ ބައެކެވެ. ދަނޑުވެރިކަމުގެ ނަފާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ނަގާ ރަށެކެވެ.

މިސަބަބުތަކަށްޓަކައި ސަރުކާރުގެ ދަނޑުވެރިކަމުގެ ޕްރޮގްރާމުގައި ބައިވެރި ވުމުގެ އެއްވެސް ޝަޥްޤެއް އެމީހުންގެ އަމުދުން ނެތެވެ. އެމީހުންނަށް އިންދާ ހެއްދުން ބޮޑު ކަމެއް ނޫނެވެ. އެތަކެތި ވިއްކާލުން ބޮޑު ކަމެއް ނޫނެވެ. އަދި އިންޕުޓް ވަޞީލަތްތައް ހޯދުން އުނދަގޫ ކަމެއް ނޫނެވެ. ވީމާ ނުއަގުގައި ތަކެތި ވިއްކުމަކީ އެމީހުން ކުރާނޭ ކަމެއް ނޫނެވެ.

ފީވަކަކީ ވަރަށް ފެން ތިލަ ޗަކަބިން ބޮޑު ރަށެކެވެ. މި ޚާއްޞަ ސިފަ ވެގެންދަނީ އެމީހުންގެ ދަނޑުވެރިކަމުގެ ގަދަފައި ކަމުގައެވެ. އަދި ޒަމާނުން ސުރެން ލިބިފައި ވާ ދަނޑުވެރިކަމުގެ ތަޖުރިބާއެވެ. އެރަށުގައި މިހާރު ވެސް ގިނަ ޢަދަދަކަށް ފަތްކެޔޮ، އަނބު އަދި މިރުސް ހައްދައެވެ. ދަނޑުވެރިކަމުގައި ހަމަ އެއްވަނައިގެ ރަށެކެވެ.