މިލައުތުރު

އާދައިގެ ދޮގު ހަދައިގެން މީހަކަށް ކައްޒާބެކޭ ނުކިޔާނެ – އެމްޕީ އަޙްމަދު ދީދީ

އާދައިގެ ކުދިކުދި ދޮގު ހަދައިގެން އެއްވެސް މުޖުތަމަޢެއްގައި ދިރިއުޅޭ އެއްވެސް މީހަކަށް ކައްޒާބެކޭ ނުކިޔާނެ ކަމަށާއި އެއްވެސް މީހަކަށް ނިސްބަތްކޮށް އެހެން ކިޔާނަމަ އެއީ ވަރަށް ނުރައްކާތެރި ދަރަޖައެއްގައި ހުރި މީހެއް ކަމަށް ރައްޔިތުންގެ މަޖިލިސްގެ މަރަދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އަޙްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

އެމްޑީޕީ ހަވަރުބެރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އެމްޕީ އަޙްމަދު ދީދީ ވިދާޅުވީ އާދައިގެ ދޮގެއް ހަދައިގެން ކައްޒާބެއްގެ ލަގަބު މީހެއްގެ ބޮލުގައި ނާޅުވާނެކަމަށާއި، މީހަކަށް ކައްޒާބެކޭ ކިޔާނީ ދޮގު ހަދަމުން ހަދަމުން ގޮސް އެމީހަކު ތެދެއް ބުންޏަސް އެއީ ދޮގެކޭ މީހުންނަށް ހީވާ ދަރަޖައަށް ދިއުމުން ކަމަށެވެ.

މަރަދޫ ދާއިރާގެ މެންބަރު އެ އިޝާރާތްކުރެއްވީ ކޮން ބޭފުޅެއްގެ ވާހަކަ ކަމެއް ސީދާގޮތެއް ވިދާޅެއް ނުވެއެވެ. އެހެން ނަމަވެސް މިހާރަކަށް އައިސް ސިޔާސީ އެކި ފަރާތްތަކަށް ކައްޒާބުގެ ލަގަބުދީ އެފަދަ ނަން ނަމުން ގޮވާ އުޅެއެވެ. އޭގެ ތެރޭގައި މިހާރުގެ ރައީސް ޑރ. މުޢިއްޒު ވެސް ހިމެނިވަޑައިގަންނަވައެވެ.

ވަރަށް ގިނަ ސިޔާސީ ފެންޑާތަކާއި ސައްލާތަކާއި އެއްވުންތަކުގައި ރައީސް މުޢިއްޒަށް ނިސްބަތްކޮށް ކައްޒާބެކޭ ގޮވާއަޑު ވަރަށް ގިނައިން އިވެއެވެ. އަދި ސޯޝަލް މީޑިޔާގައި އެފަދަ ހޭޝްޓެގްތައް ވެސް ބޭނުންކުރެއެވެ. އެހެން ނަމަވެސް ރައީސް މުޢިއްޒު ފާހަގަކުރެވެނީ ވަރަށް މަޑުމައިތިރި، ދީންވެރި ޚުލްޤު ހެޔޮ ބޭފުޅެއްގެ ގޮތުގައެވެ.

މި ސަރުކާރުން އަދި މިހާތަނަށް ސިޔާސީ ބޭނުމަކަށް އެއްވެސް މީހަކު ހައްޔަރުކޮށް އަދަބެއް ދީފައެއް ނުވެއެވެ. އިޤްތިޞާދީ ދަތި ޙާލަތުގައި ވެސް އެއްވެސް ކަމަކަށް ބުރޫ ނާރާނޭހެން އަދި އެއްވެސް މީހަކަށް ގެއްލުމެއް ނުވާނޭހެން ގެންދަވަނީ ސަރުކާރު ހިންގަވަމުންނެވެ.

© 2023 milauthuru. All rights reserved.