އެމެރިކާގެ ވައިގެ ސިފައިން ޔަމަނުގެ ޙޫޘީންނާ ދެކޮޅަށް ވައިގެ މަގުން ހިންގާ އަސްކަރީ ޙަރަކާތްތަކީ މިފަހުގެ ތާރީޚެއްގައި އެމެރިކާއިން ހިންގާ އެފަދަ އެންމެ ނުރައްކާތެރި ޙަމަލާތަކެއް ކަަމަށްވެފައި، ޙޫޘީންގެ މިސައިލް ބޭސްތައް ހަލާކުކޮށް ނުލެވުމުން އެމީހުންގެ މަޤުޞަދު ޙާޞިލް ނުވެދާނެތީ، ޙަމަލާތައް ހުއްޓާލަން ހުށަހެޅުމެއް ހުށަހަޅައިފިކަން ހާމަވެއްޖެއެވެ.
އެމެރިކާއިން ޔަމަނުގައި ހިންގާ އަސްކަރީ ޙަަމަލާތަކަކީ ޙަޤީޤަތުގައި އެމީހުންގެ ބަންކަރ ބަސްޓަރ ބޮންތަކުން އީރާނުގެ ނިއުކުލިއަ މަރުކަޒުތައް ގޮއްވާލެވިދާނެތޯ ތަހުލީލު ކުުރުމަށް ހިންގާ ހަރަކާތްތަކެކެވެ. ޔަމަނުގެ ޙޫޘީންގެ މިސައިލް ޓަނަލްތައް ހަލާކުކޮށްލެވިފައި ނުވާތީ އީރާނުގެ ނިއުކުލިއަ މަރުކަޒުތައް ފޫއަޅުވާލަން ދަތިވާނެކަން އެމީހުންނަށް ވަނީ މިހާރު ޔަޤީން ކުރެވިފައެވެ. އެއީ އީރާނުގެ މަރުކަޒުތައް ހަދާފައިވަނީ މާ އަޑީގައި މާ ވަރުގަދަކޮށް ވެސް ކަމަށް ވާތީއެވެ.
އެމެރިކާއިން ޙޫޘީންނަށް ހުށަހަޅާފައިވަނީ ރަތްކަނޑުގައިވާ އެމީހުންގެ އަސްކަރީ މަނަވަރުތަކަށް ޙަމަލާދިނުން ހުއްޓާލުމަށެވެ. އަދި އެގޮތަށް އެއްބަސް ވެއްޖެނަމަ ވައިގެ މަގުން ޔަމަނަށް ބޮންއެޅުމަށް ހިންގަމުންގެންދާ ޙަރަކާތް ހުއްޓާލާނެ ކަމަށެވެ. މިހާތަނަށް ޔަމަނުން ވަނީ އެމެރިކާގެ ކިޔޫ-9 މަރުކާގެ 19 ޑްރޯން ވައްޓާލާފައެވެ. އަދި އެމެރިކާގެ އަސްކަރިއްޔާއަށް އެއް ބިލިޔަން ޑޮލަރާ ގާތްކުރާ އަދަދެއްގެ ގެއްލުން ވެއްޖެއެވެ.