މިލައުތުރު

ށ. ނަރުދޫ ރަމްޒު ސްޕޯޓްސް އެކަޑަމީގެ ”ސްޕޯޓްސް ފިއެސްޓާ“ ކާމިޔާބުކަމާއެކު ނިންމާލައިފި.

ށ. ނަރުދޫ ރަމްޒު އެކަޑަމީގެ އަހަރީ ކުޅިވަރު ކަލަންޑަރުގައިވާ ގޮތުގެ މަތިން 3 މެއި 2025 ގައި ފެށި ”ސްޕޯޓްސް ފިއެސްޓާ“ ގެ ކުޅިވަރު ޙަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލައިފިއެވެ.

މި ކުޅިވަރު ފިއެސްޓާގައި ކޯޗިން ކުލާސްތަކުގެ އިތުރުން ފުޓްސަލް އާއި ހޭންޑްބޯޅަ މުބާރާތްތަކެއް ކުރިއަށް ގެންގޮސްފައި ވެއެވެ. އެއީ ވާދަވަރިކަމުގެ ތެރެއިން ކުޅިވަރުގެ ރޫޙް އާލާކޮށް، ހުނަރުތައް ދަސްކޮށްދިނުމުގެ މަޤުޞަދުގައި ކުރިއަށް ގެންދެވޭ ޙަރަކާތްތަކެއް ކަމަށް ރަމްޒު އެކަޑަމީން މަޢުލޫމާތު ދެއެވެ.

އެކަޑަމީގައި ޖުމްލަ 90 އަށް ވުރެ ގިނަ ކުދިން ރަޖިސްޓަރީ ވެފައި ވެއެވެ. އެއީ އުމުރުން 4 އަހަރާއި 16 އަހަރާ ދެމެދުގެ ކުދިން ކަމަށާއި، ވާދަވެރި ކުޅިވަރު ޙަރަކާތްތައް ކުރިއަށް ގެންދިޔައީ ބެޗްތަކަކަށް ބަހާލައިގެންނެވެ. އެގޮތުން އަންހެން 2 ބެޗާއި، ފިރިހެން 3 ބެޗާ އެކު ޖުމްލަ 5 ބެޗް ހިމެނެއެވެ.

ކުޅިވަރު ޙަރަކާތްތަކުގައި ފާހަގަކޮށްލެވޭ ވަނަތައް ލިބުނު ކުދިންނަށް ޓްރޮފީ އާއި މެޑަލް ދީފައި ވެއެވެ. އެހެން ކަމުން ރަމްޒު އެކަޑަމީގެ ސްޕޯޓްސް ފިއެެސްޓާއަށް އަބަދުވެސް ވަރަށް ބޮޑު ތަރުޙީބެއް ލިބެމުންދެއެވެ.

ރަމްޒު ސްޕޯޓްސް އެކަޑަމީ އަކީ ރަޖިސްޓަރީ ކޮށްގެން ށ. ނަރުދޫގައި ހިންގާ ކުޅިވަރު ޖަމްޢިއްޔާ އެކެވެ. މި އެކަޑަމީގެ ފަރާތުން ރަށުގެ މަގުތަކުގައި ސޯލާ މަގުބައްތި ޖެހުމަށްޓަކައި ށ. އަތޮޅު ކައުންސިލްގެ ގްރާންޓް ސްކީމަށް ހުށަހެޅި ޕްރޮޕޯސަލް އަށް އެންމެ މަތީ ޕޮއިންޓާއެކު އެއްލައްކަ ރުފިޔާގެ ގްރާންޓް ވަނީ ކާމިޔާބު ވެފައެވެ.