އިޒްރޭލްގެ އިސްތިއުމާރީ ސިފައިންގެ އަނިޔާވެރި ފައުޖުތަކުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުން ގެންދާ ޤަތުލުއާންމުތައް ހައްދުން ނެއްޓިފައި ވަނިކޮށް، އެ އަނިޔާވެރިކަމުގެ އެންމެ ބޮޑު އެއް ބައިވެރިޔާ ކަމަށްވާ އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕަށް ޣާޒީއެއްގެ ލަޤަބު އެރުވީ މުސްލިމް ޤައުމުތައް ކަމުގައިވާ ސައުދީ އަރަބިޔާ އާއި، އެކުވެރި އަރަބި އިމާރާތާ ޤަތަރުންނެވެ.
ދުނިޔޭގެ މީޑިޔާއަށް ތިލަވެފައިވާ ބައެއް ލިޔެކިއުންތަކުން ހާމަވާގޮތުގައި، ގަލްފުގެ އެންމެ ބާރު ގަދަ އަރަބި ޤައުމުތަކުން އިޒްރޭލަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމާ ގުޅޭ އެއްބަސްވުންތައް ހެދިފައި ވެއެވެ. މިކަމަށް ބާރުލިބޭ އެއްކަމަކީ ގަލްފް މަހާސިންތާގައި ފާސްކުރި ޤަރާރުގައި އިޒްރޭލްގެ އަނިޔާވެރި ޢަމަލުތައް ހުއްޓާލަން ވެސް ގޮވާލާފައި ނުވުމެވެ. އޭގެ ބަދަލުގައި ދުނިޔޭގެ އެހެން ޤައުމުތަކުން އިޒްރޭލަށް ޕްރެޝަރު ކޮށްދިނުމަށް ގޮވާލުމެވެ.
ދެން ފެނުނީ އެތައް ޓްރިލިއަން ޑޮލަރުގެ އިންވެސްޓްމަންޓުތައް، މުސްލިމުންގެ އެންމެ ބޮޑު އެއް އަދުއްވު ކަމުގައިވާ އެމެރިކާއަށް ދޭން ވަޢުދުތަކާއި އަހުދުތައް ޤާއިމުކުރި މަންޒަރެވެ. އަދި އެމެރިކާގައި އުފައްދާ ހަތިޔާރުން އަމިއްލަ ބާރުވެރިކަން ދެމެހެއްޓުމަށްޓަކައި އަމިއްލަ އެދުން އިސްކުރެއްވި މަންޒަރެވެ. އިސްލާމީ ހުދޫދުން ބޭރު ނެށުންތަކާއި، ބެރުދުންމާރި ތާޅަފިލީގައި ރައީސް ޓްރަމްޕް ގެންދާ ކޮންމެ ތަނެއްގައި މަރުޙަބާ ކިޔާ މަންޒަރެވެ. ހުރި ހިތާމައެއްގެ ބޮޑު ކަމާއެވެ. އިސްލާމީ އުންމަތް މިހާ ނިކަމެތި ދަރަޖައަކަށް ވެއްޓިފައިއޮތް ދުވަސްވަރެއް ދުށީމުތޯއެވެ.
އެހެން ދީންތަކުގެ އަހުލުވެރިން ކުރިއަށް ނިކުމެ ޣައްޒާގެ މުސްލިމުންނަށް ދެމުން ގެންދާ ލާއިންސާނީ އަނިޔާތައް ހުއްޓާލުމަށް ގޮވާލާ މުޒާހަރާތައް ވަރުގަދަ ކުރަނީއެވެ. އަދި ސަރުކާރުތަކަށް ޕްރެޝަރު ބޮޑުވެގެން އިޒްރޭލަށް އިންޒާރު ދިނުމަށް މަޖުބޫރު ކުރުވައިފިއެވެ. މިސާލެއްގެ ގޮތުން އިނގިރޭސި ވިލާތާއި، ފަރަންސޭސި ވިލާތާ ކެނެޑާ ފަދަ ބޮޑެތި ޤައުމުތަކުގެ ސަރުކާރުތަކުން އިޒްރޭލުން ޣައްޒާގައި ހިންގާ ނަސްލު ނައްތާލުމުގެ ޢަމަލުތައް ހުއްޓާލަން ގޮވާލުމާއެކު ދަތިކުރުމުގެ ފިޔަވަޅުތައް ވެސް އަޅާނެ ކަމުގެ އިންޒާރުތައް ދީފިއެވެ. މުސްލިމް ޤައުމުތައް ކޮބައިހެއްޔެވެ.

ކިޔުންތެރިންގެ ހިޔާލު