ޝާން މުޙައްމަދު

އެހީގެ ތަކެތި ހޯދަން ތިއްބާ ފަލަސްތީނުގެ 59 މީހަކު ޝަހީދުކޮށްލައިފި.

އެހީގެ ތަކެތި ހޯދަން ތިބި ފަލަސްތީނުގެ ރައްޔިތުންނަށް އަމާޒުކޮށް ނިރުބަވެރި އިސްރާއީލުން ދިން ހަމަލާއެއްގައި 59 މީހަކު ޝަހީދުކޮށްލައިފިއެވެ.

އިސްރާއީލުގެ ހައްދުފަހަނަ އަޅާފައިވާ ސިފައިން ވަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި އެހީގެ ތަކެތި ހޯދަން އެއްވާ މީހުންނަށް އަމާޒުކޮށް މީގެ ކުރިންވެސް އެތައް ހަމަލާތަކެއް ދީފައެވެ.

އެމެރިކާއިން ހަތިޔާރު ފޯރުކޮށްދެމުންދާ އިސްރާއީލުން ވަނީ ޣައްޒާއަށް ބޭރުގެ އެހީ އެތެރެވުން ހުއްޓުވުމަށް އެތައް މަސައްކަތެއް ކޮށްފައެވެ. އަދި އެތައް މަހެއް ވަންދެން އިސްރާއީލުން ވަނީ ޣައްޒާގެ ރައްޔިތުން ބަނޑުހައިހޫނުކަމުގައި ޖައްސާފައެވެ. ނަމަވެސް މިހާރު ޔަހޫދީ ޖަމާއަތުން ވަނީ އެމެރިކާގެ ކުންފުންޏަކާ ހަވާލުކޮށްގެން ވަކި މިންގަނޑެއްގެ ދަށުން އެހީގެ ތަކެތި ޣައްޒާގެ އާންމުންނަށް ފޯރުކޮށްދޭން ފަށައިފައެވެ.

އޮފިޝަލުންނާ ހަވާލަދީ ބޭރުގެ މީޑިޔާ ރިޕޯޓުތައް ބުނާ ގޮތުގައި ނިރުބަވެރިން މި ހަމަލާ ދީފައި ވަނީ އެއްވެސް އިންޒާރެއްވެސް ދިނުމެއް ނެތިއެވެ.

ފާއިތުވި ހޮނިހިރު ދުވަހު އެކަނިވެސް ނިރުބަވެރިން ވަނީ ފަލަސްތީނުގެ 79 މީހަކު މަރާލާފައެވެ. އޭގެ ތެރެއިން ގިނަ މީހުން މަރުވީ އެހީ ހޯދަމުން ދަނިކޮށެވެ.

އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި 55،362 މީހުން މަރުވެ 128،741 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ. 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހު ހަމާސް އިސްވެ އޮވެ ދިން ހަމަލާތަކުގައި އިސްރާއީލުގައި ގާތްގަނޑަކަށް 1،139 މީހުން މަރުވެފައިވާއިރު، 200 އަށް ވުރެ ގިނަ މީހުން ވަނީ އަޅުވެތިކޮށްފަ އެވެ.