ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހް އެހާ ކުރު މުއްދަތެއްގެ ތެރޭގައި ހުޅުމާލެއިން 28.7 މިލިއަން ރުފިޔާގެ އަގު ބޮޑު ބިމެއް މިލްކުކުރެއްވުމީ އެމަނިކުފާނުގެ ކުޅަދާނަ ކަމާއި، ޙިކުމަތު އަމަލީ ދައްކުވައިދޭ ކަމެކެވެ. ސަރުކާރު ހިންގާ ޕާޓީގެ ޕާލަމެންޓް ގުރޫޕުގެ ލީޑަރަކަށް އެފަދަ ބޭފުޅަކު ލިބިފައިވުމަކީ ރައްޔިތުން އުފާކުރަންޖެހޭ ވަރުގެ ކަމެކެވެ.
އެމްޕީ ފަލާހަކީ ވަނޑާންކުރުން ފަދަ މަސައްކަތްތަކުގައި ދިވެހިރާއްޖެއަށް އަގުނުކުރޭހާ ގިނަ ގުނަ ޚިދުމަތްތައް ފޯރުކޮށްދެއްވާފައިވާ ބޭފުޅެކެވެ. އަދި ވިޔަފާރީގެ ދާއިރާގައި ރާއްޖޭގައި ނަން ވިދާ ބޭފުޅެއް ވެސް މެއެވެ. އަދި އެމަނިކުފާނު ފާހަގަކުރެވެނީ ރައްޔިތުންގެ ޙައްޤުގައި އެންމެ ގަދައަށް ވަކާލާތުކުރައްވާ މަޖިލިސް މެންބަރުގެ ގޮތުގައެވެ.
މިއަދު ސިވިލް ކޯޓުން ކުރި ހުކުމުގައި ވަނީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުމާލޭ ފޭސް-2 ގެ ބިމެއް މިދިޔަ ޖުލައި މަހު ފަލާހަށް ވިއްކަން ނިންމައި، އެއްބަސްވުން ހަދާފައިވާ ކަމަށެވެ. އެ ހުކުމުގައިވާ ގޮތުން 3،250 އަކަފޫޓުގެ އަމިއްލަ ކުރައްވާފައިވާ ބިމުގެ އަގަކީ 26.6 މިލިއަން ރުފިޔާ ކަމަށާއި، ޖީއެސްޓީއާ އެކު ބިމުގެ އަގަކީ 28.7 މިލިއަން ރުފިޔާ ކަމަށެވެ. އެ އަގު ފަލާހް މިހާރު ވަނީ އެއްކޮށް އެއްފަހަރާ ދައްކާ ޚަލާސްކޮށްފައި ކަމަށް ވެސް ހުކުމުގައި ވެއެވެ.
އެހެންކަމުން އެމްޕީ ފަލާހަކީ މިހާރު ހުޅުމާލޭގެ ފަޚުރުވެރި ބިންވެރިއެކެވެ.
ކިޔުންތެރިންގެ ހިޔާލު