ށ. ފޯކައިދޫ ޕީއެންސީ އަނެއްކާ ވެސް އިތުރަށް ރޫޅިއްޖެ.

މިލައުތުރު | 23 މާރިޗު 2026 | ސިޔާސީ

ށ. ފޯކައިދޫ ޕީއެންސީ ހިންގާ ކޮމިޓީގެ ތެރޭގައި މައްސަލަތަކާއި، ކޯޅުންތައް އިންތިހާއަށް އިތުރުވުމާއި، އެކަންކަން ޙައްލުކުރަން ތިބި މީހުންގެ ނާޤާބިލުކަމުން އެމީހުންގެ ސްޓިއަރިންގ ކޮމިޓީގެ ޗެއާޕާރސަން އަޙްމަދު ޖައިލަމް މިރޭ އިދިކޮޅު އެމްޑީޕީއަށް ސޮއި ކޮށްފިއެވެ.

ޖައިލަމް ސޮއިކުރީ މިރޭ ފޯކައިދޫ އެމްޑީޕީ ނޫބަހާރު ޖަގަހަ ކުރިމަތީ، ކުރީގެ ނައިބު ރައީސް ޝަރަފުވެރި ކޮށްދެއްވި ޖަލްސާގައެވެ. މިރޭގެ ޖަލްސާގެ ތެރޭގައި ސަޕްރައިޒެއްގެ ގޮތުގައި ފެނިގެންދިޔަ މި ބަދަލާއެކު ށ. ފޯކައިދޫ ޕީއެންސީގެ ރިހޭފައި މައްޗަށް ފޮއި ވެއްޓުނީއެވެ.

މީގެ ކުރިން ޕީއެންސީއަށް އެންމެ ޚިދުމަތްތެރިވި އަދި އެންމެ ބޮޑު ދެ އާއިލާ ވަނީ އެމްޑީޕީ އާއި ގުޅިފައެވެ. އެ އަޑިގަނޑުން އަރައިނުގަނެވިގެން އުޅެނިކޮށް އަނެއްކާ މިރޭ ޖައިލަމް އެމްޑީޕީއާ ގުޅުނީއެވެ. ފޯކައިދޫ ޕީއެންސީ ހިންގާ ކޮމިޓީ ވެސް ރޫޅުނީއެވެ.

ލޯކަލް ކައުންސިލް އިންތިޚާބަށް މަދު ދުވަސްކޮޅަކަށް ވެފައިވަނިކޮށް ޕީއެންސީގެ އެންމެ ޚިދުމަތްތެރި އަދި ނަގާކިޔާ ފަރާތްތައް އިދިކޮޅު އެމްޑީޕީއާ ގުޅުމަކީ އެމީހުންނަށް ޙައްލުކުރުން އުނދަގޫ ގޮންޖެހުންތަކަކަށް ވާނެއެވެ. މިރޭގެ ޖަލްސާގައި އެމްޑީޕީގެ ފަރާތުން ވަނީ ޖައިލަމަށް ވަރަށް ހޫނު މަރުޙަބާއެއް ކިޔާފައެވެ.

ކިޔުންތެރިންގެ ހިޔާލު

ކޮމެންޓްތައް

މިހާތަނަށް އެއްވެސް ކޮމެންޓެއް ކޮށްފައެއް ނެތް.