ރާއްޖޭގެ މަޝްހޫރު ފިލްމު ޑައިރެކްޓަރު ފާތުމަތު ނަހުލާގެ އާ ފިލްމަށް ކިޔާ ނަން ހާމަކޮށްފިއެވެ.
ނަހުލާ ވަނީ މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އޭނާގެ އާ ފިލްމަކަށް ކިޔާނެ ނަމެއް ހޯދުމަށް އާންމުންގެ ހިޔާލުވެސް ހޯދާފައެވެ. އެގޮތުން މިކަމާ ގުޅިގެން ނަހުލާ ކުރި ފޭސްބުކް ޕޯސްޓަށް ގިނަ ބަޔަކު އެފަރާތްތަކުން ބޭނުންވާ ނަންތައްވެސް ފޮނުވިކަން ފާހަގަ ކުރެވެއެވެ.
މިއަދު އިއުލާން ކުރެވުނު ‘މަޖުނޫނު’ ނަމަކަށް ކިޔާ ފިލްމުގެ ޕޯސްޓަރުވެސް « ވަނީ ހިއްސާ ކޮށްފައެވެ. އަދި އެ ފިލްމު ބެލުންތެރިންނަށް ގެނެސްދޭނެ ތާރީހު ކަމަށް ނަހުލާ ބުނީ މި އަހަރުގެ އޮކްޓޯބަރު 26 އެވެ.
ލޯބީގެ ހަގީގީ ހާދިސާތަކެއްގެ މައްޗަށް ގެނެސްދޭން ނިންމާފައިވާ މި ފިލްމުގެ ކާސްޓުންނަކީ ކޮބައި ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް ބެލުންތެރިން މިހާރު އުންމީދުކުރަނީ ނަހުލާގެ މި ފިލްމު ނެރޭނެ ތާރީހަކަށެވެ.
ފިލްމީ ހަޔާތުގައި އެތައް އަހަރެއްވަންދެން މަސައްކަތް ކުރަމުން އަންނަ ނަހުލާއަށް ވަނީ ގިނަ ކާމިޔާބީތަކެއްވެސް ލިބިފައެވެ. ނަހުލާގެ އެންމެ ފަހުގެ ފިލްމަކީ އޭނަގެ ކްރިސްޓަލް އެންޓަޓައިންމަންޓްގެ ތައްގަނޑުގައި މިދިޔަ އަހަރު ގެނެސްދިން ‘ސޮރީ’ އެވެ. އޭގެ ލީޑް ކާސްޓުންނަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އާއި މަރިޔަމް އައްޒަ އާއި އަހުމަދު އީސަ (އާނަންދު) ގެ އިތުރުން ވާޝިޔާ މުހައްމަދެވެ.
ކިޔުންތެރިންގެ ހިޔާލު